ބާސްކެޓްބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތެއް އަންނަ އަހަރުވެސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިއަހަރު އެކަނިވެސް މިހާތަނަށް ބައިނަލްއަގުވާމީ ފަސް މުބާރާތެއް ރާއްޖޭގައި ވަނީ ބާއްވާފައެވެ. އެއީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕާއި، ވެސްޓާން އޭޝިއާ ޗެސް ފެސްޓިވަލް، ވިޒިޓް މޯލްޑިވްސް ޕްރޯ އާއި، އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ އިތުރުން ސާބާ މުބާރާތެވެ. މީގެ އިތުރުން އަންނަ ނޮވެމްބަރު މަހު ބީޗް ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތެއްވެސް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ބޭއްވި އަންހެން ބާސްކެޓް ބޯޅައިގެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތް ކަމަށްވާ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕް 2022 ނިންމުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ މިފަދަ އައު ބާސްކެޓް މުބާރާތެއް އަންނަ އަހަރު އަނެއްކާވެސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބާސްކެޓްބޯޅައިގެ ވަސީލަތްތައް ގާއިމުކުރުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ވަޒީރު ވަނީ ސާބާ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ. އެގޮތުން ބާސްކެޓް ބޯޅައިގެ އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް ވަނީ ދެއްވާފައެވެ. އެ ވަސީލަތާއެކު ބާސްކެޓް އިންޑޯގެ މައްސަލަ ހައްލުވެގެންދާނެއެވެ. މިހާރު ބާސްކެޓްބޯޅަ ކުޅެމުން އަންނަނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ. އެ ކޯޓަކީ ބާސްކެޓުގެ އިތުރުން ވޮލީބޯޅަ އާއި، ނެޓްބޯޅަ އަދި ޓީޓީ ކުޅުމަށްވެސް ބޭނުން ކުރަމުން އަންނަ ކޯޓެކެވެ.