ޓްރެކް އެންޑް ފީލްޑުގައި ގައުމަށް ރީތި ނަން ހޯދައިދެވޭނެ އުއްމީދީ އެތުލީޓުން އެބަތިބި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ވިދި ވިދިގެން ތިން އަހަރު ލިބުމާއި ގުޅިގެން ބުރާސްފަތި ދުވަހުގެރޭ މީރުމާ ހޮޓަލްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޗަމްޕީ ވިދާޅުވީ ޓްރެކް އެންޑް ފީލްޑުން މިފަދަ ހަފްލާއެއް ކުލަބުގެ އެތުލީޓުންނަށް ބޭއްވިކަމީ ކުރިއަށްދާން ލިބިގެންދާނެ އިތުރު ހިތްވަރެއްކަމަށެވެ. މިވަގުތު ކްލަބުގައި ފާހަގަކޮށްލެވޭ ޤައުމީ ދުވުންތެރިންވެސް ތިބިކަން ފާހަގަކޮށް، ޗަމްޕީވަނީ ކުރިއަށް އޮތް ތަނުގައި އިތުރު ހިތްވަރާއިއެކު ޤައުމަށް ރީތިނަން ހޯދުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލާފައެވެ.
އަދި ޓްރެކް އެންޑް ފީލްޑުގައި ޒުވާން، ހުނަރުހުރި އެތުލީޓުން ތިބިކަމަށާއި، މިހާރުވެސް ކޯޗުންނާއިއެކު ކުރިއަށް ގެންދާ ޓްރެނިން ކުރިއަށް ގެންގޮސް ޤައުމީ އަދި ބައިނަލްއަގުވާމީ ވަނަތައް ހާސިލް ކުރުމަށް މަަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.
މިހަފްލާގައި އެތުލެޓިކް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލްއާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ އޮނަރަރީ ޗެއާމަން މައިޒާން އަލިބެވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މިދެބޭފުޅުންގެ ވާހަކައިގައިވެސް ވަނީ އެތްލެޓިކްސް ކުރިއެރުވުމަށް ޓްރެކް އެންޑް ފީލްޑުން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި އެސޯސިއޭޝަނުން އެތުލީޓުންނަށާއި، ކްލަބުތަކުން އެތުލީޓުންގެ ކުރިމަގަށް ކުރާ ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެކަމަށް ދެބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.
މިހަފްލާގައި ޓްރެކް އެންޑް ފީލްޑުގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެތްލެޓިކްސް އަކީ ހަމައެކަނި ދުވުމެއް ނޫންކަމަށެވެ. އެތްލެޓިކްސްގައި ދުވުމާއި، އުކުމާއި، ފުންމުންވެސް ހިމެނޭކަމަށެވެ. އެތްލެޓިކްސް ފުރިހަމަ ވާނީ ދުވުމުގެ ޓްރޭނިންތަކާއި އެއްވަރަށް އުކުމާއި، ފުންމުމުގެ ޓްރޭނިންވެސް ހަދައިގެން ކަމަށެވެ. އަދި މިވީ 5 އަހަރުގެ ތެރޭގައި ކްލަބުން ހޯދި ހުރިހާ ކާމިޔާބީއަކީ މިގޮތަކަށް މަސައްކަތްކޮށް އެތުލީޓުންގެ ހިތްވަރާއިއެކު ހޯދުނު ފޮނި ކާމިޔާބީތަކެއްކަމަށެވެ.
މިހަފްލާގައި ޓެރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޓީމަށް މިއަހަރު އޮގަސްޓް މަހު މަލޭގައި އޮތް މައިލޯ އެސޯސިއޭޝަން ޗެމްޕިއަން ޝިޕްގައި ބައިވެރިވި، އެތްލީޓުންނާއި މިމަހު ހުޅުމާލޭގައި ކުރިއަށް ދިޔަ ގައުމީ މުބާރާތުގައި ތަމްސީލުކުރި އެތުލީޓުންވަނީ ބައިވެރިވެފައެވެ.
މިއިވެންޓުގައި 2019 ވަނަ އަހަރުގެ ޤައުމީ މުބާރާތުގެ ބެސްޓް އެތުލީޓަކަށް ހޮވުނު އައިޝަތު ހިމްނާ ހަސަނަށާއި، 2022 ވަނަ އަހަރުގެ ބެސްޓް އެތުލީޓުގެ މަޤާމު ހޯދި އައިމިނަތު ޖާއިޝާ ޖުނީޒަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ހިމްނާ ވަނީ 2019 ވަނަ އަހަރު އޮތް 29 ވަނަ ގައުމީ އެތުލެޓިކްސް މުބަރާތުގައި ޓްރެކް އެންޑް ފީލްޑްގެ އެތުލީޓެއްގެ ގޮތުގައި ވާދަކޮށް، އަންހެނުންގެ 100މ، 200މ، 400މ އަދި 4 ގުނަ 400މ އާއި 4 ގުނަ 100މ އިން ރަން މެޑަލް ޙާސިލްކޮށް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަޤާމް ހޯދާފައެވެ.
ޖައިޝާ ވަނީ 2019،2021،2022 ވަނަ އަހަރު އޮތް ގައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް މިއިން ކޮންމެ އަހަރަކުވެސް 800މ، 1500މ، 5000މ އިން އެއްވަނަ ޙާސިލްކޮށްފައެވެ. އަދި 2022 ވަނަ އަހަރު ޖައިޝާވަނީ އަންހެން ބެސްޓް އެތުލީޓުގެ މަގާމް ހޯދާފައެވެ. އަދި 5000މ ދުވުމުން ޖައިޝާ ވަނީ ގައުމީ ރެކޯޑު މުގުރާލާފައެވެ.
މިހަފްލާގައި ޚާއްސަ މެހުމާނުންގެ ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޖެމެއިކާއަށް ޓެރޭނިންގ އަށް ފުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އަންހެން 100މ، 200މ، 400މގެ ޗެމްޕިއަން ހިމްނާ ހަސަން އަދި ފިރެހެނުންގެ އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ އިބާދުﷲ އާދަމަށްވަނީ ހިތްވަރުދެއްވައި، ޓްރެކް އެންޑް ފީލްޑުގެ އެތުލީޓުންނާއި، ރޭގެ ހަފްލާގައި ބައިވެރިވި މެހުމާނުންގެ ފަރާތުން ސޮއިކޮށްފައިވާ ޚާއްސަ ކާޑެއްވެސް ހަދިޔާކޮށްފައެވެ.
ޓްރެކް އެންޑް ފީލްޑުގެ މިހަފްލާގައި އެކުލަބުގައި މަސައްކަތް ކުރާ ކޯޗުންނާއި، އެތުލީޓުންނާއި، އެތްލެޓިކް އެސޯސިއޭޝަންގެ އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ.