ކުޅިވަރު

ލެވަކޫސަން ބަލިކޮށް ބަޔާން ތާވަލުގެ ދެވަނައަށް


ޖަރުމަނު ބުންޑަސްލީގާގައި ބަޔާން ލެވަކޫސަން އަތުން ހޯދި މޮޅާއެކު އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމް ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާން އިންނެވެ. އެގޮތުން މެޗު ފަށަިއގެން 3 ވަނަ މިނެޓްގައި ބަޔާންއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިރޯއި ސާނޭއެވެ. ބަޔާންގެ ދެވަނަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާ ލީޑު ފުޅާކޮށްދިނީ ޖަމާލް މުސިއެލާއެވެ.

ފުރަތަމަ ހާފް ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސާޑިއޯ މާނޭ ވަނީ ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗްގައި ބަޔާންގެ ފަހު ލަނޑު ޖަހާދީފައިވަނީ މެޗްގެ 84 ވަނަ މިނެޓްގައި ތޯމަސް މުލަރއެވެ.

މި ކާމިޔާބީއާއެކު ފަހަކަށް އައިސް ލީގުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކޭ ބަޔާން މިވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު އަށް މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކުއެވެ. ނަމަވެސް މިހަފްތާގެ އެހެން މެޗުތަކާއެކު އަނެއްކާވެސް ބަޔާން ފަހަތަށް ޖެހިލުމަކީ ވަރަށް ގާތްކަމެކެވެ. ލެވަކޫސަން މިވަގުތު އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ. ތާވަލްގެ އެއްވަނައިގާ 17 ޕޮއިންޓާއެކު އުޅެނީ ޔޫނިއަން ބަރލިންއެވެ.