ކުޅިވަރު

ސްޕެއިންގެ އަންހެން ޓީމުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ބާކީކޮށްފި


ސްޕެއިންގެ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗާއި ކުޅުންތެރިންގެ މެދުގައި އުފެދިގެންއުޅޭ މައްސަލައާއެކު އެޓީމުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ބާކީކޮށްފިއެވެ.

މިގޮތުން މިމަހު ސްވިޑްން އާއި އެމެރިކާ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ރަހްމަތްތެރިކަމުގެ މެޗަށް ކޯޗް ހޯގޭ ވިލްޑާ އެކުލަވާލި ޓީމުންވަނީ މުހިންމު ކުޅުންތެރިންތަކެއް ބާކީ ކޮށްފައެވެ.

ޓީމުން ބާކީ ކުރި ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން އައިރީން ޕަރެޑޭސް އާއި ސްޕެއިން ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ޖެނީ ހަރމޯސޯ ހިމެނެއެވެ. ސެޕްޓެމްބަރު މަހު ކުޅުނު ވާރލްޑް ކަޕް ކޮލިފައިންގގައި އެކުލަވާލި 23 ކުޅުންތެރިންގެ ޓީމުން މިފަހަރުގެ ޓީމުގައި ހިމެނިފައިވަނީ އެންމެ 9 ކުޅުންތެރިންނެވެ.

ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން މިދިޔަ ހަފްތާގައި ހާމަކުރިގޮތުގައި ޤައުމީ ޓީމްގެ 15 ކުޅުންތެރިޔަކުވަނީ ކޯޗް ވަކި ނުކުރަނީސް ދެން ޤައުމީ ޓީމަށް ދެން ނުކުޅޭނެކަން ހާމަކޮށްފައެވެ. ނަމަވެސް އެކުޅުންތެރިންވަނީ ވިލްޑާގެ އިސްތިއުފާއަށް ނެއެދޭކަމަށް ފަހުން ހާމަކޮށްފައެވެ. ނަމަވެސް މިއާއެކު ފެޑެރޭޝަނުންވަނީ އެކުޅުންތެރިން މައާފަށް ނޭދެނީސް ދެން ޤައުމި ޓީމަށް ނުނަގާނެކަން ހާމަކޮށްފައެވެ.

ވިލްޑާ ހާމަކުރިގޮތުގައި އޭނާ މިހާރު ހުރި ހާލަތުގައި މަސައްކަތްކުރަން އެހެން އެއްވެސް ކޯޗަކަށް ނުޖެހުމަށް އުންމީދު ކުރާ ކަމަށެވެ. އަދި އޭނާ މިހިރި ވަރަށް ދެރަވެފަ ކަމަށާއި މިއީ އެއްވެސް ފަރާތަކަށް ފައިދާ ހުރި ކަމެއް ނޫންކަމަށްވެސް އޭނާ ހާމަކުރިއެވެ. ނަމަވެސް މިވަގުތަށް މިކަމުގައި އޮތް ހައްލަކީ ޓީމާއެކު ކުޅެން ތައްޔާރަށް ތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ. އަދި އޭނާ އެއްވެސް އިރެއްގައި ޤައުމީ ޓީމުން އިސްތިއުފާ ދޭން ނުވިސްނާކަމަށްވެސް ވިލްޑާ ހާމަކުރިއެވެ.

ހާމޯސޯ ހާމަކުރިގޮތުގައި މިއި ސްޕެއިންގެ އަންހެނުންގެ ފުޓްބޯޅައިގެ ތާރީހްގައި އެންމެ އަނދިރި ދުވަސްތައް ކަމަށެވެ. މިފަހަރު ޓީމުން ބާކީ ކުރި ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ޕަރެޑޭސް، ޕަތްރީ ގުއިހާރޯ، މާޕީ ލެއޮން، ސަންޑްރާ ޕަނޯސް އަދި އައިޓާނާ ބޮންމަޓީ ހިމެނެއެވެ. އަދި އަނިޔާވެފައިވާ ބެލޮން ޑިއޯ ކާމިޔާބުކޮށްފައިވާ އެލެކްސިއާ ޕުޓެޔާސްވެސް ވަނި އެ ކުޅުންތެރިންނަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ އޮނާ ބެޓްލޭ އާއި ލޫސިއާ ގާސިއާ އަދި މެންޗެސްޓަރ ސިޓީއަށް ކުޅޭ ލެއިލާ އޮއުހާބީ އާއި ލެއިއާ އެލެއިސަންޑްރީވެސް ވަނީ ޓީމުން ބާކީ ކޮށްފައެވެ. މިފަހަރު ޓީމުން އެންމެ ގިނައިން ޖާގަލިބިފައިވަނީ ރެއާލް މެެޑްރިޑްގެ ކުޅުންތެރިންނަށެވެ. މިގޮތުން އެޓީމްގެ 9 ކުޅުންތެރިން ހިމެނިފައިވެއެވެ.