ޚަބަރު

ހޯރަފުށީ ފެންބަންދުކުރާ ޕްލާންޓުން އަންނަ ޖުލައި މަހު ފެންބަންދުކުރަން ފަށަނީ


ހއ.ހޯރަފުށީގައި ހަދާފައިވާ ފުޅީގައި ފެން ބަންދުކުރާ ޕްލާންޓުން ބިއްލޫރި ފުޅީގައި ފެން ބަންދުކޮށް އަންނަ ޖުލައި މަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ހޯރަފުށި ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހޯރަފުށީގައި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 2020 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި ހަދާ، ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ފުރަތަމަ ޕްލާންޓެވެ.

ހޯރަފުށީގައި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އެޗް.އައި.ސީ.ޑީ.ޕީ ސްކީމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހޯރަފުށީ ކައުންސިލުގެ ހިއްސާ އޮންނަގޮތަށް ޖޮއިންޓް ވެންޗަރ ޢުސޫލުން ކުރިއަށްގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ ބޮޓްލިން ޕްލާންޓްގެ މަސައްކަތްތައް ނިންމާ އަންނަ އަހަރުގެ ޖުލައި މަހު އެތަނުން ބިއްލޫރި ފުޅީގައި ފެންބަންދުކޮށް ބަޒާރަށް ނެރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހޯރަފުށީގެ އިތުރަށް ކައިރި ސަރަޙައްދުތަކަށްވެސް ފެން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން ވަހީދު ފާހަގަކުރެއްވިއެވެ. މިފަދަ މަޝްރޫޢެއްގެ ސަބަބުން، ރަށުގެ ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބި، އިހަވަންދިއްޕޮޅުގެ ރަށްތަކަށާއި ރިސޯޓުތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށްވެސް އިތުރު ދިރުމެއްލިބި، ރަށަށް ލިބޭ ޢާމްދަނީ އިތުރުވެ، ކުރިއެރުންތަކެއް ލިބޭނެ އުއްމީދީ މަޝްރޫޢެއްކަންވެސް ވަހީދު ފާހަގަކުރެއްވިއެވެ.

ހޯރަފުށީގައި ޤާއިމުކުރާ، ފުޅީގައި ފެން ބަންދުކުރާ ޕްލާންޓުން ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއްވައެވެ. އަދި އެރަށުގެ ކޮންމެ ގޭބިސީއަކަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން ޑިސްޕެންސަރ ހަވާލުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީގައި ކުރިއަށްދާ ބައެއް މަޝްރޫޢުތަކަށް ބަލާއިރު އެރަށުގައި މިހާރު ވަނީ އައިސް ޕްލާންޓެއް ޤާއިމްކޮށް މަސްވެރިންނަށް އައިސް ފޯރުކޮށްދޭން ފަށާފައެވެ. އަދި އެރަށުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރަށް އެރަށުގައި އިންޓަރނޭޝަނަލް ޕްރީ ސްކޫލެއް އެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.