ދިވެހި ސަރުކާރަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 2023 - 2025 ވަނަ އަހަރުގެ ދައުރުގައި ބަޙްރައިންގެ ސަރުކާރުން އެ ކައުންސިލަށް މިހާރު ވާދަނުކުރަން ނިންމަވާފައިވާ ނިންމެވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ތަޢުރީފުކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު މިކަމަށް ތަޢުރީފުކުރެއްވީ، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި، ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ގުޅިގެން ދެއްވި ބަޔާނުގައެވެ. ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މިބަޔާން ދެއްވާފައި ވަނީ ބަޙްރައިންގެ ވެރިރަށް މަނާމާގައެވެ. މިނިސްޓަރ ޝާހިދު ބަޙްރައިންއަށް ވަޑައިގަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގައެވެ.
ދެ ޤައުމުގެ ގުޅިފައިވާ ބަޔާންދެއްވަމުން މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމާއި، ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ޤައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދު އަދި އިންވެސްޓްމަންޓް ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި އިޤްތިޞާދު ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރގެ ދައުރު ފުޅާކުރުމާއި ގުޅޭގޮތުންނާ އަދި ވިޔަފާރިއާއި ދަތުރުފަތުރުގެ ޒަރީއާއިން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ދެ ލީޑަރުން މަޝްވަރާކުރައްވާފައިވާ ކަމުގައި މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބަޙްރައިންގެ ވަލީ އަޙްދު، އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލް ޚަލީފާއާ ބަޙްރައިން ސަރުކާރުގެ އިތުރު ބައެއް އިސްބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައިވާކަމުގައި މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
During my present State Visit to Bahrain, I had the pleasure of meeting the King of Bahrain, HM Hamad bin Isa Al Khalifa during which we discussed issues of mutual concern including enhancing cooperation between Maldives and Bahrain on tourism, trade and climate change. pic.twitter.com/Wyv3MWjMpQ
— Ibrahim Mohamed Solih (@ibusolih) October 6, 2022
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއާއި ބަޙްރައިނާ ދެމެދު މިއަދު ސޮއިކުރެވުނު 4 އެއްބަސްވުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން އަހައްމިއްޔަތުކަން ދޭ މިންވަރު ހާމަވާކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދެޤައުމުގެ ދެމެދު އެއަރ ސަރވިސް އެއްބަސްވުމެއް ޤާއިމުކުރުމާއި ބަޙްރައިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ބަޙްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި ހުރި ރާއްޖޭގެ ޑާޓާތަކުގެ ސިޔާދަތީ ބާރު، ރާއްޖެއަށް ދިނުމާއި ގުޅޭ އެއްބަސްވުމާއި ބަޙްރައިން ޓުއަރިޒަމް އެންޑް އެގްޒިބިޝަން އޮތޯރިޓީން ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނަށް ސަބްސިޓީ ލިބުމުގެ ފުރުޞަތު އޮންނަ ގޮތަށް ބަޙްރައިން މޯލްޑިވްސް ޖޮއިންޓް ޓުއަރިސްޓް ޕެކޭޖް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާތައް ދެ ޤައުމުގެ މެދުގައި ކުރިޔަށްގެންދަވާފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި ރާއްޖެއާއި ބަހްރެއިންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ތަފްޞީލުކޮށްދެއްވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ދެ ޤައުމުގެ ލީޑަރުންވެސް ޓެރަރިޒަމްގެ ހުރިހާ ޢަމަލެއް ކުށްވެރިކުރައްވާކަމަށާއި، އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް ހުއްޓުވުމަށް އެއްޤައުމުން އަނެއްޤައުމަށް އެއްބާރުލުން ދޭކަމަށާއި މީގެ އިތުރުން ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމުގައެވެ.
ރާއްޖެއާއި ބަޙްރައިނާ ދެޤައުމުން ވެސް، ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާއި ވިޔަފާރީގެ މިނިވަންކަމާއި އަދި ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ޢަދުލުވެރި ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން މަޝްވަރާތަކުގައި ފާހަގަކުރައްވާފައިވާކަމުގައިވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
Welcome the signing of 4 MoUs with #Bahrain, during State Visit of President @ibusolih on:
— Abdulla Shahid (@abdulla_shahid) October 6, 2022
1. MFA Political Consultations
2. Foreign Service Institutes
3. Youth &Sports Development
4. Climate Change
Confident that these will further solidify our strong bonds of friendship. pic.twitter.com/DkD8LZyqpr
އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 2023- 2025 ވަނަ އަހަރުގެ ދައުރުގައި ދިވެހިސަރުކާރަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ބަޙްރައިންގެ ސަރުކާރުން އެ ކައުންސިލަށް މިހާރު ވާދަނުކުރަން ނިންމަވާފައިވާ ނިންމެވުމަށް މިނިސްޓަރ ޝާހިދު ތަޢުރީފުކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ބަޙްރައިނުން ހޭދަކުރި ތިން ދައުރުގެ ތެރޭގައި އެޤައުމުން ދެއްކި ހަރަކާތްތެރިކަމާއި ބިނާކުރަނިވި ގޮތެއްގައި ކުރި މަސައްކަތްތަކުން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެ ޤައުމުން އިސްކަންދޭ މިންވަރު ހާމަވާކަމުގައި މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިންއަށް ވަޑައިގެންނެވުމުން އެ ޤައުމުން ވިދާޅުވި ހޫނު މަރުޙަބާއަށާއި އަދާކުރައްވަމުން ގެންދަވާ ފުރިހަމަ މެޙެމާންދާރީއަށްޓަކައި ބަޙްރައިންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ވެރިއެއް ބަޙްރައިންނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ މިއީ ފުރަތަމަ ފަހަރުކަމުގައިވާތީ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ވަރަށް ޚާއްޞަ ޝަރަފެއްކަންވެސް މިނިސްޓަރ ޝާހިދުގެ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ދެއްވި ބަޔާން ނިންމަވާލައްވަމުން ބަޙްރައިންގެ ރަސްގެފާނަށާއި، ވަލީއަޙުދު އަދި ބޮޑުވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު އަރުވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ބަޙްރައިންއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، އިތުރު ހަރުފަތަކަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.