ނެކްޓަން މޯލްޑިވްސް މިޝަންގެ ސައިންޓިސްޓުން ރާއްޖޭގެ ފުންކަނޑުތަކުގައި ކުރި ދިރާސާގައި، ކަނޑުގެ 500 މީޓަރުގެ އަޑިން ދިރުންތަކުން ފުރިގެންވާ އާ ސަރަޙައްދެއް ހޯދައިފިއެވެ.
"ދަ ޓްރެޕިންގ ޒޯން"ގެ ނަމުން ނަންދެވިފައިވާ މި ސަރަޙައްދަކީ މީގެކުރިން ދެނެގަނެވިފައި ނުވާ ސަރަޙައްދަކަށްވުން އެކަށީގެންވާކަމަށް ނެކްޓަންއިން ބުނެއެވެ.
ފުން ކަނޑުގެ ސަރަހައްދުތަކުގައި އެކުލެވޭކަމަށް ބެލެވޭ 'ޓްރެޕިންގ ޒޯން' ދެނެގަތުމަށް ސަބްމަރސިބަލްގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާ ޕްރޮފެސަރ އެލެކްސް ރޮޖަރސް ހާމަކުރެއްވިގޮތުގައި ކަނޑުތަކުގެ މާހައުލީ ނިޒާމު ބިނާ ވަނީ، އެ ސަރަހައްދުތަކުގެ އުފެދުމުގައި ހުންނަ އަޑިގުޑަންތަކާއި މިނޫންވެސް ތަފާތު ސިފަތަކާއި، އެ މާހައުލުގައި އުޅޭ ދިރުންތަކުގެ މައްޗަށެވެ. އަދި ދަ ޓްރެޕިންގ ޒޯންގެ ސަބަބުން ރާއްޖޭގެ ފުން ކަނޑުތަކުގައި ދިރުމުން ފުރިގެންވާ މާހައުލެއް އުފެދޭނެކަމަށާއި ރާއްޖެފަދަ އެހެނިހެން ކުދި ޖަޒީރާތަކުގައިވެސް މިފަދަ ސަރަހައްދުތައް އުފެދިފައި ހުރުމަކީ ވަރަށް ގާތްކަމެއް ޕްރޮފެސަރ އެލެކްސް ރޮޖަރސް ވިދާޅުވިއެވެ.
މާކަނޑުގައި އުފެދިފައި ހުންނަ ތިލަތަކުގައި އެ ސަރަޙައްދުތަކުގައި އުޅޭ ކުދި ދިރުންތައް ތާށިވުމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އާލާވުމަށް ބާރުއަޅާކަން އެނގިފައި ވީނަމަވެސް، ރާއްޖެ ފަދަ ޤައުމެއްގެ ރަށްތަކުގެ ޖިއޯމޯފޮލޮޖީ އަދި ބަޔޮލޮޖިކަލް ޕެރަމީޓަރތަކާއި މި ތާށިވުން މީގެކުރިން ގުޅުވިފައި ނުވާކަމަށް ނެކްޓަންއިން ބުނެއެވެ.
މި ދިރާސާގައި ނަގާފައިވާ ވީޑިއޯތަކާއި، އަޑިއަށް ދަތުރުކުރި ސަބްމަރސިބަލްތަކުން ނެގި ސާމްޕަލްތަކާއި، ސަރވޭ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިންގުނު ސޯނާރ މެޕިންގ މަސައްކަތްތަކުން ދައްކައިދެނީ، ފުން ސަރަހައްދުތަކުގައި އުފެދިފައިވާ ތަފާތުތަކުގެ ދެމެދުގައި ނުވަތަ "ސަބްސީ ލޭންޑްސްކޭޕް" ގައި ތާށިވެފައިވާ އެކި ބާވަތުގެ ކުދި ދިރުންތައް ނުވަތަ "މައިކްރޯ ނެކްޓަން" ކައި ހެދުމަށް، މިޔަރާއި އެ ނޫންވެސް ބޮޑެތި މަސްމަހާމެހި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އުޅޭތަންނެވެ.
ރާއްޖޭގެ ފަރުތަކުގެ ތިލަ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ ދިރާސާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެއެވެ. އެހެންނަމަވެސް މީގެ ކުރިން ކަނޑުތަކުގައި އުޅޭ މިޔަރުގެ ބާވަތްތައް ބެލުމަށް ދިރާސާއެއް ކުރެވިފައެއް ނެތެވެ. ނަމަވެސް ނެކްޓަން މޯލްޑިވސް މިޝަންއިން ވަނީ ފުން ކަނޑުތަކުގައި އުޅޭ މިޔަރުގެ ތަފާތު ބާވަތްތަކާއި ބެހޭ މައުލޫމާތުތައް ދެނެގަނެފައެވެ. މި ދިރާސާގައި ފެމުނާއި، މަޑުމިޔަރާއި، ދަތްގަނޑު މިޔަރާއި، ކަށިމިޔަރާއި، ކާލިގަނޑު މިޔަރާއި، އައިންމަތީ މިޔަރުގެ އިތުރުން ދުނިޔޭގައިވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަށްވާ "ބްރެމްބަލް ޝާރކް" ރާއްޖޭގެ ފުން ކަނޑުތަކުން ވަނީ ފެނިފައެވެ.
ނެކްޓަން މޯލްޑިވްސް މިޝަންގެ ޓީމުން ކުރި ދިރާސާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ރާއްޖެ ވަށައިގެން މިއޮތް ކަނޑުގެ އަޑީގައި ދިރުންތަކުން ފުރިގެންވާ 'ދަ ޓްރެޕިންގ ޒޯން' ފެނުމަކީ ފާހަގަކުރެވޭ ހޯދުމެއްކަމަށެވެ. އަދި މި މާހައުލުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް ބެލެވޭކަމަށާއި މިއީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށާއި، ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ބާރު ލިބޭ އައު މައުލޫމާތުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ދިރާސާގައި އެއްކުރެވުނު ވީޑިއޯ އަދި ބަޔޮލޮޖިކަލް މަޢުލޫމާތު އެނަލައިޒް ކުރުމުގެ މަސައްކަތް ރާއްޖޭގައާއި، އޮކްސްފޯރޑް ގައި ހުންނަ ނެކްޓަންގެ ހެޑްކުއާޓަރސްގައި އަދި ދިރާސާގައި ބައިވެރިވި އެހެން ޕާރޓްނަރުންގެ ލެބޯޓްރީތަކުގައި ކުރިއަށް އެބަދެއެވެ. މި ދިރާސާގެ ނަތީޖާތަކަކީ ދިވެހިރާއްޖެ ފަދަ އެހެން ޖަޒީރާ ގައުމުތަކަށްވެސް ފައިދާކުރާނެ މަޢުލޫމާތުތަކެއްކަން ނެކްޓަންއިން ބުނެއެވެ. އަދި މީގެ އިތުރުން މަސްވެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށްވެސް މި މަޢުލޫމާތުތަކަކީ މުހިންމު މައުލޫމާތުތަކެކެވެ.
ނެކްޓަންގެ ކުރީގެ މިޝަންތަކުންވެސް ވަނީ އެތަކެއް އާ ސައިންޓިފިކް މަޢުލޫމާތު ހޯދިފައެވެ. އެގޮތުން ނެކްޓަން އިން ބާމިއުޑާގައި 2016 ވަނަ އަހަރު ހިންގި އެކްސްޕެޑިޝަންގައި ވަނީ ވަރަށް ފަނޑުކޮށް އަލި ލިބޭ ސަރަހައްދުން "ރަރިފޯޓިކް ޒޯން" ނަމަކަށް ކިޔާ އާ އިކޯސިސްޓަމެއް ކަނޑުގެ ސަތަހައިގެ 120 މީޓަރާއި 300 މީޓަރާއި ދެމެދު އޮންނަކަން ކަށަވަރުކޮށްފައެވެ.