އިންފްލޭޝަންގެ ސަބަބުން އެފްރިކާގައި ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ އެފްރިކާގެ ވެރިޔާ އަބެބޭ ސުލަސީ ވިދާޅުވެއްޖެއެވެ.
އައިއެމްއެފް އިން އަހަރަކު ދެ ފަހަރު އާއްމުކުރާ އިކޮނޮމިކް އައުޓްލުކް މިދިޔަ ހުކުރު ދުވަހު އާންމުކޮށްފައިވާއިރު، އެ އައުޓްލުކްގައި ވާގޮތުން ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ 123 މިލިއަން މީހުން ނުވަތަ ސަބް ސަހާރަން އެފްރިކާގެ %12 މީހުން އެފްރިކާގައި އެބަ ތިއްބެވެ. އަދި ކާބޯތަކެތި ނުލިބުމުގެ ސަބަބުން އަހަރު ނިމޭއިރު އާންމު ސިއްޙައްތަށް ނުރައްކާވެދާނެ ކަމަށްވެސް އައުޓްލުކްގައިވެއެވެ.
ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިންވެސް ގާތްގަނޑަކަށް 82 މިލިއަން މީހުންނަށް ވަނީ މިކަމުގެ ސަބަބުން އަސަރުކޮށްފައެވެ. މި އަދަދު 123 މިލިއަނަށް އިތުރުވީ ކޯވިޑުގެ ބަލިމަޑުކަމާއި، ރަޝިއާ ޔުކްރެއިން ހަނގުރާމަ އަދި އެފްރިކާގެ ބައެއް ސަރަހައްދުތައް ހަނަފަސްވެ ދަނޑުތައް ހަލާކުވުމުގެ ސަބަބުންނެވެ.
"އަޅުގަނޑުމެން ހަގީގަތުގައި ކަންބޮޑުވާ ކަމަކީ މިއީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވަމުން އަންނަ ކަމަކަށް ވާތީ" ސުލަސީ ރޮއިޓާސް ނިއުސް އަށް ވިދާޅުވިއެވެ. އަދި މިދިޔަ މެއި މަހު އެފްރިކާގެ ރަށެއްކަމަށްވާ ޗާޑުގައި އޭނާ ހުރިކަމަށާއި އެތަނުގައި ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް ކަމަށްވެސް ސުލަސީ ވަނީ ވިދާޅުވެފައެވެ.
އިތިއޮޕިއާ، ސޯމާލިއާ އަދި ކެންޔާގެ ބައެއް ހިސާބުތަކަށް ވިއްސާރަ މޫސުމާއި ފަސް ވަނަ ފަހަރަށް ކުރިމަތިލާންޖެހިފައިވާއިރު، ސޯމާލިއާ އަށް ވަނީ ބަނޑުހައިހޫނުކަން ކުރިމަތިވެފައެވެ.
ސަބް ސަހާރަން އެފްރިކާގެ ކާބޯތަކެތީގެ އިންފްލޭޝަން 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ވަނީ %10 އަށް ވުރެ މައްޗަށް އަރާފައެވެ. އައިއެމްއެފްގެ އާ އިގްތިސާދީ ލަފާކުރުންތައް މި ހަފްތާގައި އިސްލާހުކޮށްފައިވާ ސަރަހައްދީ އިންފްލޭޝަން މިއަހަރު %8.7 އަށް މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކޮށްފައިވާއިރު، ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ނުވަތަ ބޮލަކަށް ޖެހޭ މިންވަރު މިއަހަރު އިތުރުވާނީ %3.6 އަށް ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މި އަދަދު މިދިޔަ އަހަރު ހުރީ %4.7 ގައެވެ. މިއާއިއެކު ނައިޖީރިއާ، ގާނާ، އިތިއޮޕިއާ، މަލާވީ، އަދި ޒިމްބާބުވޭ އިން އިންޓަރެސްޓް ރޭޓް އަވަހަށް މަތި ކުރަން ޖެހިދާނެ ކަމަށްވެސް އައިއެމްއެފް އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ އިންޓަރެސްޓް ރޭޓް ހަލުވިކަމާއެކު މައްޗަށް ދިއުމުގެ މާނައަކީ ސަބް ސަހާރަން ސަރަހައްދުން އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ޤައުމުތަކަށް ބައިނަލްއަގްވާމީ ކެޕިޓަލް މާކެޓްތަކަށް ވަދެވޭނެ ގޮތް ބަންދުވުމެވެ.
މިއާއެކު ގާނާ ހިމެނޭ ގޮތަށް ޤައުމުތައް އައިއެމްއެފްގެ އެހީއަށް އެދެން ވަނީ ޖެހިފައެވެ. އަދި މިހާރު އަންނަނީ ގާނާ އަށް މި އެހީ ބޭނުންވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން ކަމުގައި ސުލަސީ ވިދާޅުވިއެވެ. މީގެއިތުރުން ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރު ގާއިމުކުރި ޖީ20 ކޮމަން ފްރޭމްވޯކްގެ ދަށުން އަލުން ދަރަނިތައް ލުއިކުރެވޭނެ ގޮތަކާއިމެދު އިތިއޮޕިއާ، ޒެމްބިއާ އަދި ޗާޑުން އަންނަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންނެވެ.
ޗާޑުގެ ބައިލޭޓަރަލް ކްރެޑިޓަރުން ބުނާގޮތުގައި އެޤައުމަށް އާމްދަނީ ލިބޭ ބޮޑު އެއް ވަސީލަތް ކަމަށްވާ ސާފުނުކުރާ ތެލުގެ އަގު އުފުލިފައިވާތީ އެޤައުމަށް މިހާރު ދަރަނި ލުއި ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ޗާޑުގެ އެންމެ ބޮޑު ކޮމާޝަލް ކްރެޑިޓަރު ކަމަށްވާ ތެލުގެ ވިޔަފާރި އަދި މައިނިން ކުންފުނި ގްލެންކޯ އިން އެކަމާ ބެހޭ އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.
"ޗާޑުގެ ކްރެޑިޓަރުންގެ ފަރާތުން ވަރަށް ބޭނުންވާ، ދަރަނި ލުއި ދިނުމަށް ފާސްކުރުން ލަސްވުމަކީ ހަޤީޤަތުގައި ވެސް ވަރަށް މައްސަލަ ބޮޑު ކަމެއް" ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުލަސީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ފޯރުކޮށްދޭ ވަސީލަތްތައް ދާނީ ޗާޑުގެ ދަރަނީގެ ހާލަތެއް ހައްލުކުރުމަށް ވުރެ ބޮޑަށް ޗާޑަށް އެހީތެރިވުމަށްކަން ޔަގީން ކުރަން" ސުލަސީ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ ތިން އަހަރު ދުވަހުގެ މުއްދަތަށް ޑިސެމްބަރު މަހު ފާސްކުރި 570 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮގްރާމަކަށް އިޝާރާތް ކުރައްވައެވެ.
އެފްރިކާގެ އިތުރު ގައުމުތަކުން ދަރަނި އަލުން އެކުލަވާލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ސުލަސީ ވަނީ ދެއްވާފައެވެ. މީގެ އިތުރުން ގާނާގެ ދަރަނި ދެމެހެއްޓެނިވިކަން ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސުލާސީ ނޫސްވެރިންގެ ބައްދަލުވުމުގައި ސުލަސީ ވަނީ ވިދާޅުވެފައެވެ.
ދަރަނި ހައްލުކުރާނެ ގޮތް ސަރުކާރުން ކަނޑައަޅާނެ ދުވަހަކަށް އައިއެމްއެފް އިން މަޑުކުރަމުންދާއިރު، ފަންޑް ޕްރޮގްރާމުވެސް ބިނާވެފައި ވަނީ ގާނާއިން ރާވާފައިވާ އިގްތިސާދީ އިސްލާހުތައް ތަންފީޒުކުރާ ވަރުގެ ހަލުއި މިންވަރަށެވެ.