2016 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން މިކަން ހާމަކުރައްވާފައިވަނީ ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގައި މިފްކޯއިން ޢަމަލުކޮށްފައިވާގޮތުގެ ޚާއްސަ އޮޑިޓް ރިޕޯޓުގައެވެ.
މި ރިޕޯޓުގައި މައިގަނޑުގޮތެއްގައި ބަލާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިކްފޯއަށް ލިބުނު އާމްދަނީއާއި، ހިނގި ޚަރަދަށް ބަލާ ކުންފުނީގެ މާލީ ޙާލަތަށާއި، މިފްކޯއިން އެކްސްޕޯޓްކުރާ މަހުގެ ޝިޕްމަންޓްތަކުން ލިބޭ ގެއްލުމާއި، ގެއްލުން ލިބެން މެދުވެރިވާ ސަބަބުތަކުގެ މައްޗަށެވެ. އަދި މިފްކޯއިން މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގައި ޢަމަލުކުރުމަށް ހަރުދަނާ އުޞޫލުތަކެއް ހަދާފައިވޭތޯއާއި، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާ މިންވަރަށްވެސް މި ރިޕޯޓުގައި ބަލާފައިވެއެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުން ދައްކާގޮތުގައި 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް އާމްދަނީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބި، މި މުއްދަތުގެ ތެރޭގައި މަސް ގަތުމަށާއި، އަދި އުފެއްދުމަށް ހިނގި ޚަރަދަށް (ކޮސްޓް އޮފް ސޭލް)އަށް 7.1 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި ބޭރުގެ ބާޒާރަށް ކުންފުނިން މަސް ވިއްކަމުން ގޮސްފައިވާ މާކެޓް ރޭޓަށްވުރެ ބޮޑު ޚަރަދެއް މަސް ގަތުމަށާއި، އަދި ސީދާގޮތުން މަސް އުފެއްދުމަށް ވަނީ ހިނގާފައެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 250 މިލިއަން ރުފިޔާގެ ގްރޮސް ލޮސް ކުންފުންޏަށް ލިބިފައިވާއިރު، ހިންގުމުގެ ޚަރަދާއި އެހެނިހެން ޚަރަދުތަކާއެކު ޖުމްލަ 1 ބިލިއަން ރުފިޔާގެ ސާފު ގެއްލުން (ނެޓް ލޮސް) މިފްކޯއަށް ލިބިފައިވެއެވެ.
2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯ ހިންގުމުގައި މިހާތަނަށް ލިބުނު ގެއްލުމުގެ އަގު (އެކިއުމިލޭޓެޑް ލޮސް) 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކުންފުނީގެ މިލްކިއްޔާތުގައި ހުރި ހަރުމުދަލަށްވުރެ ކުންފުނީގެ ދަރަނި އިތުރުވެފައިވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ މިލްކިއްޔާތުގައިވާ ހަރުމުދަލުގެ އަގު 961 މިލިއަން ރުފިޔާގައި ހުރިއިރު ކުންފުނީގެ ދަރަނީގެގޮތުގައި 1.9 ބިލިއަން ރުފިޔާ ހުރިކަން އޮޑިޓް އޮފީހުން ފާހަގަކުރެއެވެ. އަދި ކުންފުނީގެ ހަރުމުދަލަށްވުރެ ދަރަނީގެ ނިސްބަތް 955 މިލިއަން ރުފިޔާއިން އިތުރުވެ، ކުންފުނީގެ މާލީ ޙާލަތު ހުރީ "ނެގެޓިވް ނެޓް ވޯތު"ގައި ކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރު ނިމުނުއިރު މިފްކޯއަށް 178 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. 2017 ވަނަ އަހަރު 55 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، ޖެހިގެން އައި 4 އަހަރުވެސް، ކުންފުންޏަށް ލިބުނު ސާފު ގެއްލުން ވަނީ އަހަރުން އަހަރަށް އިތުރުވެފައެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ކުންފުންޏަށް 260 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.
މި ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއިން އެކްސްޕޯޓްކުރި މަހުގެ ޝިޕްމަންޓްތަކުގެ ތެރެއިން އޮޑިޓްގައި ބެލި 394 ޝިޕްމަންޓުގައި ހިމެނޭ މަހުގެ ބާވަތާއި ސައިޒް ތަފާތުވުމުންނާއި، މަހުގެ ކޮލެޓީ ދަށްވެ ރިޖެކްޓް ކުރުމުގެ ސަބަބުން ޖުމްލަ 290 މިލިއަން ރުފިޔާގެ ގެއްލުން މި މުއްދަތުގެ ތެރޭގައި މިފްކޯއަށް ލިބިފައިވެއެވެ. އަދި މިއީ އެވަރެޖްކޮށް އަހަރަކަށް 48 މިލިއަން ރުފިޔާގެ ގެއްލުންކަމަށާއި، މަސްވިއްކި އަގުން ބަލާއިރު މިއީ %6 ގެ ގެއްލުމެއްކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެހެންމެ ކުންފުނިން ކަނޑައަޅާފައިވާ "ސޭލްސް އެންޑް މާކެޓިންގ ޕްރޮސީޖަރ" އާއި ޚިލާފަށް 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ނުހަދާ ޖުމްލަ 144 މިލިއަން ރުފިޔާގެ މަސް މިފްކޯއިން އެކި ފަރާތްތަކަށް ވިއްކާފައިވާކަންވެސް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
ކުންފުންޏަށް ގެއްލުންވަމުން ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މިފްކޯއިން މަސްގަތުމަށް ކަނޑައަޅާ ރޭޓަކީ ބޭރުގެ މާކެޓަށް މަސް ވިއްކެންހުންނަ އަގާ އަޅާބަލާއިރު ނިސްބަތުން ބޮޑު އަގަކަށްވުމާއި، ކުންފުނީގެ ހިންގުމުގެ ޚަރަދު ބޮޑުވުން ހިމެނެއެވެ. އަދި އެކްސްޕޯޓްކުރާ މަހުގެ ޝިޕްމަންޓްތަކުގައި ހުންނަ މަހުން ބައެއް، ގަންނަ ފަރާތްތަކުން އެކި ސަބަބުތަކާހުރެ ޤަބޫލުނުކޮށް ދޫކޮށްލުމުންނާއި، އެކްސްޕޯޓްކުރާ މަހުގެ ޝިޕްމަންޓްތަކުގައި ހުންނަ ސައިޒާއި ބާވަތްތައް ތަފާތުވުމުގެ ސަބަބުން ކުންފުންޏަށް ލިބެންވާ އާމްދަނީ ގެއްލިގެންދިއުންވެސް ހިމެނެއެވެ.
އެކްސްޕޯޓުކުރާ މަހުގެ ބާވަތާއި، ސައިޒު ދިމާނުވުމާއި، ކޮލެޓީ ދަށްވެ ރިޖެކްޓްކުރުމުގެ މައްސަލަ ދިމާވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އޮޑިޓް އޮފީހުން ފާހަގަކޮށްފައިވަނީ މިފްކޯގެ ކޯލްޑް ސްޓޯރޭޖްތަކުގައި މަސް ރައްކާކޮށް ބެހެއްޓުމުގައި މަހުގެ ބާވަތާއި، ސައިޒު ވަކިން އެނގޭނެހެން އިންތިޒާމްކޮށް ބަހައްޓަން އަދި ބެލެހެއްޓުމުގައި އެކަށީގެންވާ ސަމާލުކަން ދީފައިނުވުމެވެ. އަދި ޝިޕްމަންޓްތަކާ މަސް ގަންނަ ފަރާތުން ހަވާލުވާއިރު، މިފްކޯއިން މަހުގެ ޝިޕްމަންޓްތަކުގެ ޙާލަތު އެކަށީގެންވާ ގޮތެއްގައި ކަށަވަރުކޮށްފައިނުވުމާއި، މަސްދޯނިފަހަރުތަކުގައި މަހުގެ ތާޒާކަން ހިފެހެއްޓުމަށް ބޭނުންވާނެ ޒަމާނީ ނިޒާމެއް އެކަށީގެންވާ މިންވަރަށް ޤާއިމުވެފައި ނެތުމުގެ އިތުރުން، މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަންނައިރު މަހުގެ ކޮލިޓީއަށް ބަލައިގެން މަސް ގަނެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި ނެތުންވެސް ހިމެނެއެވެ.
އޮޓިޑް އޮފީހުގެ ރިޕޯޓުގައި މިފްކޯގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކާއި ޚަރަދު ކުޑަކޮށް، އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތައް ބަލައި، ކުންފުންޏަށް ބޭރުންނާއި އެތެރެއިން ދިމާވާ ގޮންޖެހުންތަކާ ހުރި ފުރުޞަތު ތަފްސީލީ ގޮތެއްގައި ދިރާސާކޮށް ދަނެގަނެ ކުންފުނީގެ ވިޔަފާރި ސްޓްރެޓެޖީ އަލުން އެކުލަވާލުމަށް ވަނީ ލަފާދީފައެވެ. އަދި މިފްކޯއިން ރާއްޖެއިން ބޭރަށް ވިއްކާމަހުގެ ކޮލެޓީ ދަށްވުމުގެ ސަބަބުން ލިބޭ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އޮޑިޓް އޮފީހުން ލަފާދީފައިވެއެވެ.