ފ. މަގޫދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފިއެވެ. މިއީ ފ. އަތޮޅުގައި ތަރައްޤީކުރެވިގެންދާ ފުރަތަމަ އެއަރޕޯޓެވެ. މި މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރާގޮތަށެވެ.
މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ މަގޫދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ޓެކްސީވޭ އޭޕްރަން، ފަޔަރޕެޑް، ޕަސެންޖަރ ޓަރމިނަލް، ކޮންޓްރޯލް ޓަވަރާއެކު ފަޔަރ ސްޓޭޝަން ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ. ހަމައެހެންމެ މި ސަލާމަތީ ވަސީލަތްތައް ޤާއިމުކުރުމާއި، ފެންސް ޖެހުމާއި، ގޭޓް ހަރުކުރުމާއި ސެކިއުރިޓީ ޗެކްޕޯސްޓް ހެދުންވެސް ހިމެނެއެވެ.
މީގެ އިތުރުން ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ އިތުރުން ގްރައުންޑް ހޭންޑްލިންގ އިކުއިޕްމަންޓްތައް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 231.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށެވެ. އަދި މި މަޝްރޫޢު ނިންމުމަށް އެމް.ޓީ.ސީ.ސީއަށް ދީފައިވަނީ 18 މަހުގެ (550 ދުވަސް) މުއްދަތެކެވެ.
ރާއްޖޭގައި ޑޮމެސްޓިކް އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ފ. އަތޮޅު ހިމެނޭއިރު، މަގޫދޫގައި ތަރައްޤީކުރާ އެއަރޕޯޓާއެކު އެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އަތުވެގެންދާނެއެވެ. މަގޫދޫ އެއަރޕޯޓުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވާއިރު، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމް.ޓީ.ސީ.ސީން ހިއްކާ، 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ޙިމާޔަތްކުރާނެއެވެ.
ފ.އަތޮޅުގައި 19 ރަށް ހިމެނޭއިރު މީހުން ދިރިއުޅެނީ އެންމެ 5 ރަށުގައެވެ. އަތޮޅުގައި މިވަގުތު އޮޕަރޭޓްކުރަމުންދަނީ އެންމެ ރިސޯޓެކެވެ. އެހެންނަމަވެސް އެއަތޮޅުގައި އިތުރު 5 ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި މިހާރު ކުރިއަށް އެބަދެއެވެ. އެހެންކަމުން އެއަތޮޅު ފަތުރުވެރިކަމަށް ތައްޔާރުކުރާއިރު އެއަރޕޯޓެއް އޮތުމަކީ މުހިންމު ކަމެއްގެގޮތުގައި އަތޮޅުގެ ރައްޔިތުން ދެކެއެވެ.