ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި، މި މައްސަލައަށް ދާއިމީ ޙައްލު ހޯދައިދޭނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޢަރަބިއްޔާ ސްކޫލުގެ އައު އިމާރަތް އެޅުމަށްޓަކާއި ބައު ޖަމާލުއްދީން ސްކޫލް ތަޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތް މިމަހުގެ ފަހުކޮޅަށް ނިންމާލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވީ، ބާޖަމާލުއްދީން ހުރި ބިމުގައި ތަރައްޤީކުރާ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި، ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތަށް ޖުމްލަ 168 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާކަމަށެވެ. އަދި މިއީ މިހާރުވެސް މަސައްކަތް ކުރިއަށްދާ ޕްރޮޖެކްޓެއްކަން މިޢްވާން ފާހަގަކުރެއްވިއެވެ.
އެގޮތުން އަމީން ކޮންސްޓްރަކްޝަނާ މި ޕްރޮޖެކްޓް އެވޯޑްކޮށްފައިވާކަމަށާއި، އައު އިމާރާތައް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މިޢްވާން ވިދާޅުވިއެވެ. އަދި މިމަހުގެ ފަހުކޮޅަށް ބާ ޖަމާލުއްދީން ސްކޫލު ތަޅާލުމުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ. މިޢްވާން ވިދާޅުވީ، ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތްވެންދާނީ ކުރީގެ އިމާރާތަށްވުރެ ޖާގައިގެ ގޮތުންނާއި ވަޞީލަތުގެގޮތުން ބެލިކަމުގައިވިޔަސް ތަނަވަސް، ރީތި އަދި ފުރިހަމަ އިމާރާތަކަށްކަމަށެވެ. އަދި ޢަރަބިއްޔާ ސްކޫލުގެ ކުދިން މީގެ ކުރިން އުފުލި ތަކުލީފު އަލުން އުފުލަންނުޖެހޭނެކަން މި ސަރުކާރުން ޔާޤީންކޮށްދޭނެކަމަށް ތަރުޖަމާން ވިދާޅުވިއެވެ.
"ޢަރަބިއްޔާގެ މައްސަަލައަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޙައްލުގެންނާނަން. އަޅުގަނޑުމެން ކުރަމުން މިދަނީ އެ މަސައްކަތް. މަސައްކަތް ކުރިއަށްއެބަދޭ. ފައިސާ ނެތިގެން ހުއްޓޭނެ މަޝްރޫޢެއްނޫން އެއީ. އެއަށްވުރެ ސަރުކާރަށް މުހިއްމު ޕްރޮޖެކްޓެއް. ޢަރަބިއްޔާގެ ދަރިވަރުންނަށް މީގެކުރިން ދިމާވިކަންތައްތައް ދެން އިރާދަކުރެއްވިއްޔާ ވިޔަނުދޭނެކަން ޔާޤީންކޮށްދޭނެ މި ސަރުކާރުން" މިޢްވާން ވިދާޅުވިއެވެ.
ޢަރަބިއްޔާ ސްކޫލު ކުރިން ހިންގަމުންދިޔަ އިމާރާތުގައި ބޭނުންކުރަމުންދިޔައީ 26 ކްލާސްރޫމެވެ. އައު އިމާރާތުގައި 41 ކްލާސްރޫމް ހުންނާނެއެވެ. ކުރިން ބޭނުންކުރި އިމާރާތުގައި 44 ފާޚާނާ ހުރިއިރު، އައު އިމާރާތުގައި މުވައްޒަފުންނާ ދަރިވަރުން ބޭނުންކުރުމަށް 110 ފާޚާނާ ހުންނާނެއެވެ. ލެބޯޓްރީޓަކަށް ބަލާއިރު ކުރިން ބޭނުންކުރި އިމާރާތުގައި 3 ލެބް ހުރިނަމަވެސް އައު އިމާރާތުގައި 4 ލެބެއް ހުންނާނެއެވެ. އަދި ކުރިން ހުރި އިމާރާތުގައި 2 ސްޓާފް ރޫމާއި، 2 އެޑްމިން ބްލޮކް ހުރިނަމަވެސް އައު އިމާރާތުގައި 4 ސްޓާފް ރޫމާއި، 3 އެޑްމިން ބްލޮކް ހުންނާނެއެވެ.
ސްކޫލުގެ އައު އިމާރާތުގައި ހިމެނޭ އިތުރު ވަޞީލަތްތަކަށްބަލާއިރު މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުން ބޭނުންކުރުމަށް 4 ލިފްޓް ހުންނާނެއެވެ. އަދި އިންޑޯ ގާޑެންއަކާއި، މަލްޓި ޕަރޕަސް ހޯލަކާއި، ސްޕޯޓްސް ރޫމެއްގެ އިތުރުން، ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންކުރެވޭގޮތަށް 2 ކެންޓީން ހުންނާނެއެވެ. މީގެ އިތުރުން އެކްޓިވިޓީ އޭރިއާގެ ގޮތުގައި ބޭނުންކުރާނެ 5 ތަނަކާއި، 2 ޓާރފް ގްރައުންޑާއި، 2 ރީޑިންގ އޭރިއާއާއި، ޓެރަހެއްވެސް ހުންނާނެއެވެ. އަދި ވެހިކަލް ޕާކުކުރާނެ ޚާއްސަ ސަރަޙައްދެއްވެސް ހިމެނޭނެއެވެ.
އަރަބިއްޔާ ސްކޫލް އައު އިމާރާތުގެ މަސައްކަތާއި، ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން އަމީން ކޮންސްޓްރަކްޝަނާއި އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކުރީ 29 ސެޕްޓެމްބަރ 2022 ގައެވެ. މި މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 440 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ އައު އިމާރުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު އިމާރާތް ބޭނުންކުރަން ފެށުމެވެ.