ޚަބަރު

މަތީ ތަޢުލީމުގެ ފުރުޞަތާއެކު ޒުވާނުންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހޭ މަންޒަރު


ދިވެހިންނަކީ ޒަމާނުއްސުރެއް ތަޢުލީމަށް ލޯބިކުރާ، ކަންކަން އުނގެނި ދަސްކުރަން ބޭނުންވާ ބައެކެވެ. މިކަން ތާރީޚީ އެކި ފަތްފުށްތަކުންނާއި، އެކި ޒަމާންތަކުގައި ރާއްޖެއަށް ދަތުރުކުރި ބޭރުގެ ފަރާތްތަކުން ލިޔެފައިވާ ލިޔުންތަކުން އެނގެން އޮވެއެވެ.

ދަތުރުފަތުރުކުރުން އެންމެ ދަތި ޒަމާނުގައިވެސް އަވަށްޓެރި ޤައުމުތަކާއި، އެއަށްވުރެ ދުރު ޤައުމުތަކަށްވެސް ދިވެހިން ވަނީ ތަޢުލީމު ޙާޞިލުކުރަން ދަތުރުކޮށްފައެވެ. ނަމަވެސް އެއީ މަދު ބަޔަކަށް ނުނީ ނުލިބޭ ފުރުޞަތެކެވެ. އާދައިގެ އާއިލާއެއްގެ ކުއްޖަކަށް ނޫނީ މާލެ ނޫން ރަށްރަށުގައި އުޅޭ ކުދިންނަށް ރާއްޖެއިން ބޭރަށް ގޮސް މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބުމަކީ ދުރުކަމެކެވެ. މިއީ ވަރަށް ފަހަކާ ޖެހެންދެންވެސް މިކަން ހިނގަމުން އައި ގޮތެވެ. އެފަދަ ފަރާތްތަކަށް ކިރިޔާވެސް އެފުރުޞަތު އޮންނަނީ ސަރުކާރުން ހުޅުވާލާ ސްކޮލަރޝިޕްގެ ޕްރޮގްރާމެއްގެ ތެރެއިންނެވެ. ނަމަވެސް އެއީ މާޒީއެވެ. މި ސަރުކާރުން ހުޅުވާލި ހިލޭ ޑިގްރީ ޕްރޮގްރާމާއެކު އެކަންކަމަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އަތުވެފައެވެ.

މަތީ ތަޢުލީމުގެ ފުރުޞަތުތަކުގެ ވާހަކަ ދައްކާލުމުގެ ކުރިން، މަދަރުސީ ތަޢުލީމުގެ ނިޒާމަށް ބަލާލަމާ ހިނގާށެވެ. ކުރިއާ އަޅާބަލާއިރު ސްކޫލްތަކުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރުވެސް ފުޅާވަމުން އަންނަ މަންޒަރު ފެނެއެވެ. އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ތަފާތު ހުނަރުތައްވެސް އަންނަނީ ދަސްކޮށްދެމުންނެވެ. މަދަރުސީ ތަޢުލީމް ނިމުމާއެކު ދެން ދަރިވަރުން މަސައްކަތް ކުރަންފަށަނީ މަތީ ތަޢުލީމަށް ފުރުޞަތު ހޯދުމަށެވެ. ކުރިން އެއީ އުނދަގޫކަމަކަށްވެފައި އޮތްނަމަވެސް މިއަދު މަންޒަރު މުޅިން ބަދަލުކޮށްލައިފިއެވެ.

ސްކޫލު ދައުރު ނިންމުމަށްފަހު ތަޢުލީމީ ހަޔާތުގައި ކުރިއަށްދެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި މަތީ ތަޢުލީމު ހިލޭ ލިބޭނެ ގޮތެއް ހަމަޖެއްސުމަކީ ގިނަ އާއިލާތަކުން އެކަމަކަށް އެދިއެދި ތިބިކަމެކެވެ. ކޮންމެ ދަރިވަރަކީވެސް ހިލޭ ޑިގްރީއަށް ކިޔެވޭނެ މަގު ތަނަވަސް ވެފައިވާ ދަރިވަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެފުރުޞަތު ތަނަސްކުރެވި، އަތުން އެންމެ ރުފިޔާއެއްވެސް ޑިގްރީ ޙާޞިލުކުރުމަށް ޚަރަދު ނުކޮށް، ހިލޭ ކިޔެވޭނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތު ވެގެންދިޔައީ މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ހުވަފެން ދެކެމުންދިޔަ މާލީގޮތުން ފުދުންތެރި ނޫން އާއިލާތަކުގެ ދަރިވަރުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިން އުއްމީދަކަށެވެ. ސަރުކާރުން ހުޅުވާލި މި ފުރުޞަތުގެ ބޭނުން ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ގިނަ ދަތިވަރުންތަކެއް ވަނީ ހިފާފައެވެ.

އެގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމް ހުޅުވާލިފަހުން މިހާތަނަށް 15000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ މި ފުރުޞަތުގެ ބޭނުން ހިފަމުންނެވެ. މިކަމަށް ދަޢުލަތުގެ ބަޖެޓުން މިހާތަނަށް 471،941،916.89 (ހަތަރު ސަތޭކަ ހަތްދިހަ އެއް މިލިއަން ނުވަ ލައްކަ ސާޅިސް އެއް ހާސް ނުވަ ސަތޭކަ ސޯޅަ ރުފިޔާ އަށްޑިހަ ނުވަ ލާރި) ވަނީ ޚަރަދުކޮށްފައެވެ.

ސަރުކާގެ ހިލޭ ޑިގްރީ ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ މީހުން ބިނާކުރުމުގެ މުހިއްމު މަޝްރޫޢެކެވެ. މަތީ ތަޢުލީމަށް ކިޔެވޭނެ ހަމަހަމަ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ހުޅުވުނު މުހިއްމު ދޮރެކެވެ. މިއާއެކު މި ޕްރޮގްރާމުގެ ފޮނި މީރުކަން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް ނިސްބަތްވާ ރަށްރަށުގެ ޒުވާނުންނަށްވެސް އަންނަނީ ލިބެމުންނެވެ.

ހިލޭ ޑިގްރީގެ ފުރުޞަތު ލިބުނު ދަރިވަރުން ނިސްބަތްވާ އަތޮޅުތައް

* ހއ. އަތޮޅު - 1101 ދަރިވަރުން
* ހދ. އަތޮޅު - 1026 ދަރިވަރުން
* ށ. އަތޮޅު - 827 ދަރިވަރުން
* ނ. އަތޮޅު - 710 ދަރިވަރުން
* ރ. އަތޮޅު - 969 ދަރިވަރުން
* ބ. އަތޮޅު - 676 ދަރިވަރުން
* ޅ. އަތޮޅު - 480 ދަރިވަރުން
* ކ. އަތޮޅު - 2694 ދަރިވަރުން
* އއ. އަތޮޅު - 315 ދަރިވަރުން
* އދ. އަތޮޅު - 430 ދަރިވަރުން
* ވ. އަތޮޅު - 99 ދަރިވަރުން
* މ. އަތޮޅު - 261 ދަރިވަރުން
* ފ. އަތޮޅު - 314 ދަރިވަރުން
* ދ. އަތޮޅު - 334 ދަރިވަރުން
* ތ. އަތޮޅު - 721 ދަރިވަރުން
* ލ. އަތޮޅު - 723 ދަރިވަރުން
* ގއ. އަތޮޅު - 779 ދަރިވަރުން
* ގދ. އަތޮޅު - 1081 ދަރިވަރުން
* ފުވައްމުލައް ސިޓީ - 712 ދަރިވަރުން
* އައްޑޫ ސިޓީ - 1337 ދަރިވަރުން

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުގެ އިތުރުން، ސަރުކާރުން ދަނީ މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކާ ދޫކުރާ ލޯނާއި، ސްކޮލަރޝިޕްގެ ފުރުޞަތުތައްވެސް އިތުރުކޮށްދެމުންނެވެ.

އިންޓްރެސްޓް ކުޑަ ލޯނާއެކު ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ. އަދި އެނބުރި ޤައުމަށްއައިސް ލޯން ދެއްކޭނެ ފަސޭހަ އިންތިޒާމްތަކެއްވެސް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ. މިގޮތުން ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި 600 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯނުގެ ފުރުޞަތު ވަނީ ފަހިކޮށްދެއްވާފައެވެ. ސަރުކާރުން ފަހިކޮށްދިން ސްކޮލަރޝިޕްތަކަށް ބަލާއިރު 1000 އަށްވުރެ ގިނަ ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވެއެވެ. އެއީ ބޭރުގެ އެކި ޤައުމުތަކުގައާއި ރާއްޖޭގައި ތިބެގެން ކިޔެވުމަށް ފަހިކޮށްދެއްވި ފުރުޞަތުތަކެވެ.

ސްކޮލަރޝިޕާއި، މަތީ ތަޢުލީމުގެ ލޯނާއި، ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ތަޢުލީމާއި، މަތީ ތަޢުލީމުގެ ނިޒާމް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން މަތީ ތަޢުލީމަށް ބަލާއިރު އަތޮޅުތަކުގައި ޖޫނިއަރ ކޮލެޖްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި، ފަންނީ މަސައްކަތްތައް ދަސްކޮށްދިނުމަށް ޕޮލިޓެކްނިކްތައްވެސް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ތަޢުލީމީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުން އެކަމަށް ދީފައިވާ އަހައްމިއްޔަތުކަމުގެ މުހިއްމުކަން ހާމަވެއެވެ. ތައުލީމީ ޖީލެއް ބިނާކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދުގެ މުހިއްމުކަން ތައުލީމީ ފުރުޞަތުތަކަށް ކުރިމަތިލާ ދަރިވަރުންގެ އަދަދުތަކުން އެނގެއެވެ. ހުނަރުވެރި ފަންނުވެރި ޢިލްމީ ޤާބިލު ޖީލެއް ބިނާކުރުމަކީ މި ސަރުކާރުން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. ރައީސްގެ ދުރުވިސްނޭ ސިޔާސަތުތަކާއެކު މިއީ ޖީލުތަކަކަށް ދެމިގެންދާނެ، ޤައުމުގެ ތަރައްޤީއާއި ކުރިމަގު ބިނާކޮށްދޭނެ މުހިއްމު އިންވެސްޓްމަންޓަކަށް ވެގެންދާނެއެވެ.