ޚަބަރު

ތަޣައްޔަރުވެފައިވާ ވައި ބޭނުންކޮށްގެން ތެލާއި ފުޅި އަދި އަންނައުނު އުފައްދަނީ


ތަޣައްޔަރުވެފައިވާ ވައި ސާފުކޮށްގެން، އެއިން ތެލާއި ފުޅީގެ އިތުރުން އަންނައުނު އުފައްދަން ފަށައިފިއެވެ. މި މަސައްކަތް ކުރަމުން ދަނީ އެމެރިކާގެ އިލިނޯއީ ސްޓޭޓްގެ ރަށެއް ކަމުގައިވާ ޗިކާގޯގައި ހުންނަ ލަންޒާޓެކް ކިޔާ ކުންފުންޏަކުންނެވެ. ތަޢައްޔަރުވެފައިވާ ވައި ބޭނުންކޮށްގެން ތަކެތި އުފައްދަން އެ ކުންފުނިން ބޭނުން ކުރަނީ ވަކި ޚާއްޞަ ބެކްޓީރިޔާއެކެވެ.

މި ބެކްޓީރިޔާއަކީ ކާނާގެ ގޮތުގައި ގްރީންހައުސް ގޭސް، ނުވަތަ ޖައްވު ހޫނުވާން މެދުވެރިވާ ވިހަ ގޭސްތައް ބޭނުން ކުރާ ބެކްޓީރިޔާއެވެ. މި ބެކްޓީރިޔާ ހޯދިފައި ވަނީ މުސަޅުގެ ނަޖިހުންނެވެ. ކާނާގެ ގޮތުގައި ގްރީންހައުސް ގޭސް ބޭނުން ކުރުމަށް ފަހު، މި ބެކްޓީރިޔާއިން އެތަނޯލް ބޭރު ކުރެއެވެ. އެތަނޯލްއަކީ ވަހެއް ނުހުންނަ، އަލިފާންހިފާ ދިޔާ އެއްޗެކެވެ.

ލަންޒާޓެކް ކުންފުނިން މިހާރު ދަނީ ބެކްޓީރިޔާ ބޭނުންކޮށްގެން އުފައްދާ އެތަނޯލް ބޭނުންކޮށްގެން މުދާ އުފައްދަމުންނެވެ. ލަންޒާޓެކްއަކީ މުދާ އުފައްދާ ކުންފުންޏެއް ކަމުގައި ނުވި ނަމަވެސް، އެ ކުންފުނިން ވަނީ މުދާ އުފައްދާ ބައެއް ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ލަންޒާޓެކްއާ ގުޅިގެން މުދާ އުފައްދާ އެއް ކުންފުންޏަކީ އަންނައުނު ފަދަ ތަކެތި އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ޒާރާއެވެ. ލަންޒާޓެކްއިން ފޯރުކޮށްދޭ އެތަނޯލް ބޭނުންކޮށްގެން ބައެއް ކުންފުނިތަކުން ދަނީ ޕްލާސްޓިކް ފުޅިއާއި، ކުޅިވަރު ކުޅޭއިރު ބޭނުން ކުރާ އަންނައުނުގެ އިތުރުން ހެދުން ފަދަ ތަކެތި ވެސް އުފައްދަމުންނެވެ.

"މީގެ 14 އަހަރު ކުރިން އަހުރެން ހިތަކަށް ވެސް ނާރާ، ދަގަނޑު ފަދަ މައުދަން އުފައްދާ ކުންފުންޏަކުން ބޭރު ކުރާ ވިހަ ގޭސް ސާފުކޮށްގެން، އެއިން ހެދުމެއް ތައްޔާރު ކުރެވިދާނެ ކަމަކަށް. ނަމަވެސް، އެއީ މިހާރު ހަޤީޤަތެއް،" ލެންޒާޓެކް ކުންފުނީގައި މައިކްރޯބަޔޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ މައިކަލް ކޮޕްކޭ ބުންޏެވެ.

ލަންޒާޓެކް ކުންފުންޏަކީ "އަރތްޝޮޓް ޕްރައިޒް" އަށް ނޮމިނޭޓްވެފައިވާ 15 ކުންފުނީގެ ތެރެއިން އެއް ކުންފުންޏެވެ. އެ އިނާމަކީ، އިނގިރޭސި ވިލާތުގެ ވަލީއަޙުދު ޕްރިންސް ވިލިޔަމްއާއި ބްރޯޑްކާސްޓިންގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު މީހެއް ކަމުގައިވާ ޑޭވިޑް އެޓެންބޮރޯ ގުޅިގެން އުފައްދާފައިވާ އިނާމެކެވެ.

ލަންޒާޓެކްއިން މިހާތަނަށް ވަނީ 200,000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭނުން ކޮށްގެން 190 މިލިޔަން ލީޓަރުގެ އެތަނޯލް އުފައްދާފައެވެ. މިއީ، ޖައްވަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރާ އަޅައިބަލާއިރު ވަރަށް ކުޑަ އަދަދެއް ނަމަވެސް، މިއީ ފެށުމެއްގެ ގޮތުގައި އެ ކުންފުނިން ޤަބޫލު ކުރެއެވެ.

އެ ކުންފުނިން މިހާރު ދަނީ މި ދާއިރާ އިތުރަށް ފުޅާ ކުރަން މަސައްކަތް ކުރަމުންނެވެ. ކުންފުނީގައި މިހާރު ވެސް 200 މުވައްޒަފުން މަސައްކަތް ކުރާއިރު، އެ ތަނުގައި ބޭނުންކުރާ ބެކްޓީރިޔާ އެހެން ކުންފުނިތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބެކްޓީރިޔާ އެހެން ކުންފުނިތަކަށް ފޮނުވަނީ ފްރީޒް-ޑްރައި ކޮށްފައިވާ ކުނޑިއެއްގެ ގޮތުގައެވެ.

ޗައިނާގައި ހުންނަ ތިން ކުންފުންޏަކުން މިހާރު ވެސް ދަނީ ލަންޒާސްޓީލްގެ ބެކްޓީރިޔާ ބޭނުން ކުރަމުންނެވެ. އަދި، އިތުރު ހަ ކުންފުންޏަކުން އެ ތަކެތި ގަނެ، ބޭނުން ކުރަން ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. މީގެ ތެރޭގައި ބެލްޖިޔަމްގެ ކުންފުންޏަކާއި އިންޑިޔާގެ ކުންފުންޏެއް ވެސް ހިމެނެއެވެ.

ތަޢައްޔަރުވެފައިވާ ވައި ސާފުކޮށްގެން އުފައްދާފައިވާ ބައެއް ތަކެތި މިހާރު ވެސް ޒާރާއިން ދަނީ ބާޒާރުގައި ވިއްކަމުންނެވެ. މީގެ ތެރެއިން އެކައްޗަކީ ހެދުމެކެވެ. ޕޮލިއެސްޓަރ ބޭނުން ކޮށްގެން އުފައްދާފައިވާ މި ހެދުމުގެ 20 އިންސައްތައަކީ ތަޣައްޔަރުވެފައިވާ ވައި ސާފުކޮށްގެން އުފައްދާފައިވާ ޕޮލިއެސްޓަރއެވެ.

އަންނައުނާއި ފުޅި ފަދަ ތަކެތި އުފެއްދުމުގެ އިތުރުން ލަންޒާޓެކްއިން މިހާރު ދަނީ ވައިގެ އުދުހުންތަކުގައި ބޭނުންކުރާ ތެޔޮ އުފައްދަން ވެސް މަސައްކަތް ކުރަމުންނެވެ. "ސަސްޓެއިނެބަލް އޭވިއޭޝަން ފިޔުލް" ނުވަތަ ތިމާވެއްޓާއި ރަޙުމަތްތެރި ތެޔޮ އުފެއްދުމަށް ވެސް އެ ކުންފުނިން ބޭނުން ކުރަނީ ތަޣައްޔަރުވެފައިވާ ވައި ސާފުކޮށްގެން އުފައްދާފައިވާ އެތަނޯލްއެވެ.