ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް މެޗުގައި ޕޯޗުގަލް ކަޓުވާލުމަށްފަހު ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޓީމުގެ ޝަރަފު މޮރޮކޯއިން ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މި ފަހަރުގެ މުބާރާތުގައި ބޮޑެތި ޓީމުތައް ބަލިކުރުމުގެ ރެކޯޑެއް އޮތް މޮރޮކޯއިން ވަނީ ފީފާ ރޭންކިންގެ ދެވަނަ ބެލްޖިއަމާއި ސްޕެއިންވެސް ބަލިކޮށްފައެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް ޕޯޗުގަލުން ކޮންޓްރޯލްކޮށްގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ޖާއޯ ފީލިކްސް އާއި ބްރޫނޯ ފެނާންޑޭޒްއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި މޮރޮކޯ ނަސީރީއަށް ލަނޑު ޖަހަން ހުސްފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި މޮރޮކޯއިން ދިޔައީ، ލިބުނު ކައުންޓަ އެޓޭކުތަކުގައި ޕޯޗުގަލްގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ނަސީރީއެވެ. މި ލަނޑާއެކު ނަސީރީ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕުގައި މޮރޮކޯގެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ ވޯލްޑް ކަޕުގައި ތިން ލަނޑު ޖަހާފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެ ވަނަ ހާފު ފަށައިގެން ޕޯޗުގަލުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އަރުވާފައެވެ. އެކަމަކު ރޮނާލްޑޯއަށް ލަނޑު ޖަހަން ލިބުނީ އެންމެ ފުރުސަތެކެވެ. އެއީ ކައުންޓަ އެޓޭކުގައި ލިބުން ފުރުސަތެކެވެ. ރޮނާލްޑޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މޮރޮކޯގެ ކީޕަރު ޔަސިން ބޯނޯއެވެ. އޭގެ ފަހުން ޕޯޗުގަލްގެ ފީލިކްސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ޔަސިންއެވެ.
މި ނަތީޖާއާއެކު ސެމީ ފައިނަލުގައި މޮރޮކޯއަށް ކުޅެން ޖެހޭނެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ފްރާންސް އާއި އިންގްލަންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.