ނޭޕާލުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ސައުތު އޭޝިއަން ކޮލިފައިން ބުރުގެ ގަދަ 16 ގެ ޖާގަ ޔަގީންކޮށް ރާއްޖޭގެ މޫސާ މުންސިފް އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެއެވެ.
މި މުބާރާތުގައި ގައުމީ ޓީޓީ ޓީމުގެ ދެ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. އެއީ ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި މުންސިފެވެ. އޭގެ ތެރެއިން ދީމާ ވަނީ ކުޅުނު ގްރޫޕްގެ އެއްވަނަ ހޯދައި ގަދަ 16 ގެ ޖާގަ ކަށަވަރުކޮށްފައެވެ.
މުންސިފް ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވުމުން ޖެހުނީ ރޭންކިން މެޗު ކުޅޭށެވެ. ރޭންކިން މެޗުތަކުގެ ފުރަތަމަ މެޗުގައި މުންސިފް ނުކުތީ ބަންގްލަދޭޝްގެ ރިފޮން ހާންއާ ދެކޮޅަށެވެ. އެ މެޗު 3-1 ސެޓުން މުންސިފް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗުގައި މުންސިފް ނުކުތީ ބަންގްލަދޭޝްގެ ރަމްހިމްއިލާން ބައުންއާ ދެކޮޅަށެވެ. މި މެޗު މުންސިފް ސީދާ ތިން ސެޓުން ކާމިޔާބުކުރިއެވެ.
މި ދެ މެޗުން ހޯދި މޮޅާއެކު މުންސިފް އަށް ގަދަ 16 ގައި ހިމެނޭނެކަން ވަނީ ޔަގީންވެފައެވެ. މުންސިފް ޖާގަ ހޯދާފައިވަނީ ރޭންކިންގައި ބާކީ އެއް މެޗު އޮއްވައެވެ.
އޭޝިއާ މުބާރާތުގައި ވާދަކުރާނީ އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ކުޅުންތެރިންނެވެ.
މިއީ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ކުރިން މި ދެ ކުޅުންތެރިންނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.