ތައިލެންޑުގެ ޕުކެޓުގައި ބޭއްވި ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ދިވެހި އެތުލީޓުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.
އާދީއްތަ ދުވަހުގެ ނިޔަލަށް ބޭއްވި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ދުނިޔޭގެ 44 ގައުމުގެ ބޮޑީބިލްޑަރުން ވާދަކުރިއެވެ. އޭގެ ތެރޭގައި ސާކް ސަރަހައްދުގެ ހަތް ގައުމު ހިމެނެއެވެ.
މި މުބާރާތުގައި ރާއްޖޭގެ ހަތް އެތުލީޓުން ވާދަކުރިއެވެ. އެއީ މިދިޔަ ދެ އަހަރުގެ މިސްޓަ މޯލްޑިވްސް މަގާމު ހޯދި މުޙައްމަދު ޔާމީން (ޔާންބެ) އާއި ރާއްޖޭގައި ބޭއްވި އޭޝިއާ މުބާރާތުގެ ރަން މެޑަލް ހޯދި ދެ އެތުލީޓުން ކަމަށްވާ އަޒުނީން ރަޝާދު އާއި ހުސައިން ހިމްޔާންގެ އިތުރުން މުހައްމަދު މޫސާ (މޯޑު)އެވެ.
މި މުބާރާތުގެ 170 ސެންޓިމީޓަރުގެ ސްޕޯޓްސް ފިޒީކް ކެޓަގަރީން ރާއްޖޭގެ އަޒްނީން ރަން މެޑަލް ހޯދިއިރު، 55 ކިލޯ ބޮޑީބިލްޑިން ކެޓަގަރީން މުޙައްމަދު މޫސާ ވަނީ ރިހި މެޑަލް ހޯދާފައެވެ. 160 ސެންޓިމީޓަރ އެތުލެޓިކްސް ފިޒީކް ކެޓަގަރީން ފަތުހުﷲ މުޙައްމަދު ލޯ މެޑަލް ހޯދިއިރު، 167 އެތުލެޓިކްސް ފިޒީކް ބައިން އަބްދުﷲ އަޙްސަން ވަނީ ލޯ މެޑަލް ހޯދައިފައެވެ.
މީގެ އިތުރުން 175 އެތުލެޓިކް ފިޒީކް ކެޓަގަރީން ހުސެއިން ހިމްޔާން ލޯ މެޑަލް ހޯދިއިރު، މިދިޔަ ދެ އަހަރުގެ މިސްޓަ މޯލްޑިވްސް މަގާމު ހޯދި ޔާންބެ ވަނީ 90 ކިލޯ ބޮޑީބިލްޑިން ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ.
މި އެތުލީޓުން ވަނީ މިއަހަރު ރާއްޖޭގައި ކުރިއަށްދިޔަ ބޮޑީބިލްޑިންގެ އޭޝިއާ މުބާރާތުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.