މި މަހު ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ތާވަލުކުރި ކާވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ބައިވެރިވި ޓީމުތައް މަދުވުމުން އެ މުބާރާތް ކެންސަލްކޮށްފިއެވެ.
ކާވާގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ، ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި އެ މުބާރާތުގައި ބައިވެރިވީ ތިން ޓީމުން ކަމަށެވެ. އަދި ފަހުން އެ ތިން ޓީމުގެ ތެރެއިން އެއް ޓީމުން ވަނީ ބައިވެރިނުވާން ނިންމާފައި ކަމަށެވެ.
ލަތީފް ވިދާޅުވީ މިއަހަރުގެ މުބާރާތް ކެންސަލްކުރި ކަމުގައިވީ ނަމަވެސް އަންނަ އަހަަރު މި މުބާރާތް ބޭއްވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރު ވެސް މި މުބާރާތް ބާއްވަން ރާއްޖެއިން މަސައްކަތް ކުރުން އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެސް ލަތީފް ވިިދާޅުވިއެވެ.
މި މުބާރާތައް ދުރާލާ ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމުން އަންނަނީ ފަރިތަކުރަމުންނެވެ. އެގޮތުން ގައުމީ ފިރިހެން ވޮލީ ޓީމަށް ބިދޭސީ ކޯޗަކު ހަމަޖައްސައިގެން އަންނަނީ ފަރިތަކުރަމުންނެވެ. މީގެ އިތުރުން މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން އަންހެން އަދި ފިރިހެން ވޮލީ ޓީމުން ވަނީ ސައުދި އަރަބިއްޔާގައި ޓްރެއިނިންގ ކޭމްޕެއްވެސް ފުރިހަމަކޮށްފައެވެ.
މީގެ ކުރިން ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމުން ވަނީ މި މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ.