ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި މެލޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރުގެ ސްޓޭޑިއަމް ބޯލާ ސެޕަކްގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އަނިޔާގެ ސަބަބުން ނުކުޅެއެވެ. އަކްރަމްގެ ބަދަލުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ ޑިފެންޑަރު ސަމޫހު އަލީއެވެ.
މި މެޗު ފަށައިގެން މެލޭޝިއާގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގެ ޑަރެކް ލޮކް ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް (ހުސެން)އެވެ.
އެކަމަކު މެޗުގެ 24 ވަނަ މިނެޓުގައި ލޮކް ވަނީ ލަނޑު ޖަހާ މެލޭޝިއާއަށް ލީޑު ނަގާދީފައެވެ. މިއީ ރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލޮކް ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް މެލޭޝިއާގެ ކީޕަރު އަޙްމަދު ހާޒްމީ މުހައްމަދު ހާސްކޮށްލެވޭވަރުގެ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ދެވަނަ ހާފު ފަށައިގެން 23 ވަނަ ސިކުންތުގައި މެލޭޝިއާއަށް ލީޑު ފުޅާކޮށްދޭން ލޮކްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގެ 54 ވަނަ މިނެޓުގައި ރާއްޖޭން ވަނީ މިރާޝް މުޙައްމަދު ކުޅެންއަރުވައިފައެވެ. މިރާޝްއަކީ ސްޕެއިންގެ ހަތަރުވަނަ ޑިވިޝަނުގެ ޔޫނިއޯ އެސްޕޯޓިވާ ރޫބީއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މިއީ މިރާޝް ގައުމީ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މިރާޝް ވަނީ މީގެ ކުރިން ޖޫނިއާ ގައުމީ ޓީމުތަކަށް ކުޅެފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި މެލޭޝިއާއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއިރު، މި ލަނޑު އެޓީމަށް ޖަހާދިނީ މުޙައްމަދު ފައިސަލް ހަލީމެވެ. މިއީ ލޮކްގެ އެހީތެރިކަމާއެކު ފައިސަލް ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މެޗުގައި ރާއްޖެއަށް ލަނޑެއް ކާމިޔާބުކުރަން އެންމެ ހުސްފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަމްޒާ މުޙައްމަދު (ހަމްޕު) އަށެވެ. އެކަމަކު ހަމްޕު ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.
މެލޭޝިއާގެ ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓަކް ލީ އަންޑްރިއުއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ރާއްޖޭން ވަނީ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކުޅެންއަރުވާފައެވެ. މިއީ ގައުމީ ޓީމަށް ދަގަނޑޭ ކުޅެދިން 93 ވަނަ މެޗެވެ. އަނިޔާގެ ސަބަބުން މި ސީޒަންގެ ފުރަތަމަ މެޗަށްފަހު ފުރަތަމަ ޑިވިޝަނުގެ މެޗަކުން ދަގަނޑޭ ފެނިފައެއް ނުވެއެވެ.
ރާއްޖޭން ދެން ކުޅޭ އެކުވެރި ކަމުގެ މެޗުގައި ތިން ދުވަސް ފަހުން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.