ޚަބަރު

މީޑިއާ ކައުންސިލުގެ ރައީސަކަށް ޕީއެސްއެމްގެ މުޞްތަފާ


މޯލްޑިވްސް މީޑިއާ ކައުންސިލް، އެމް.އެމް.ސީގެ ރައީސްކަމަށް ޕަބްލިކް ސާވިސް މީޑިއާގެ ޓެކްނިކަލް އޮޕަރޭޝަން މިނޭޖަރު އަހުމަދު މުޞްތަފާ އިންތިޚާބުކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ ކުރިއަށްއޮތް ދައުރަށް އިންތިޚާބުވި މެމްބަރުން މަޤާމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ ކައުންސިލުގެ ކުރިއަށް އޮތް ދެ އަހަރުގެ ދައުރުގެ ރައީސާއި، ނައިބު ރައީސް އިންތިޚާބު ކޮށްފައެވެ. ރައީސްކަމުގެ މަޤާމަށް ޕީއެސްއެމްގެ ފަރާތުން މުޞްތަފާ ކުރިމަތި ލެއްވިއިރު، އާފަތިސް އޮންލައިންގެ ފަރާތުން ޢަލީ ނިޝާން، ވަނީ ވާދަކޮށްފައެވެ. މިއީ މީޑިއާ ކައުންސިލްގެ ރައީސްކަމުގެ މަޤާމު ޕީ.އެސް.އެމްއަށް ލިބުނު ފުރަތަމަ ފަހަރެވެ.

މުޞްތަފާއަކީ މީޑިއާ ދާއިރާއިން މީހުން ތަމްރީން ކުރުމައި، ދައުލަތުގެ މީޑިއާގެ ނިއުސްރޫމުގައި އިސްދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އެގޮތުން މީޑިއާ ދާއިރާގައި މުޞްތަފާ މަސައްކަތްކުރައްވާތާ 28 އަހަރު ވަނީ ވެފައެވެ. މުޞްތަފާއަކީ ޕީ.އެސް.އެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގައި ނޫސްވެރިން ތަމްރީން ކުރުމަށް ހިންގާ އެކި ކޯސްތަކުގައި އުނގަންނައި ދިނުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވާ ބޭފުޅެކެވެ.

އެމް.އެމް.ސީގެ ރައީސްކަމަށް މުޞްތަފާ އިންތިޚާބު ކޮށްފައިވަނީ 9 މެމްބަރުންގެ ވޯޓުންނެވެ. ނިޝާނަށް ލިބުނީ 6 ވޯޓެވެ. ނައިބު ރައީސް ކަމަށް 3 ބޭފުޅަކު ވަނީ ވާދަކޮށްފައެވެ. ނައިބު ރައީސްކަމަށް ހޮވިފައިވަނީ ވަގުތު އޮންލައިންގެ ޙުސައިން ޝަރީފެވެ. އޭނާއަށް 7 ވޯޓު ލިބުނުއިރު، އޭނާއާއި ވާދަކުރި ވަން އޮންލައިންގެ މުޙައްމަދު ސިމާޢުއަށް ލިބުނީ 2 ވޯޓެވެ. އަޙްމަދު އަމީން މުޙައްމަދަށް ލިބުނީ 6 ވޯޓެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ނަމަވެސް މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދައުލަތަށް އިންތިޚާބުކޮށްފައިވަނީ 13 މެންބަރުންނެވެ.

މިގޮތުން މީޑިއާތަކުން އިންތިޚާބުކުރަންޖެހޭ 8 މެމްބަރުންގެ ތެރެއިން މިފަހަރު އިންތިޚާބުކުރީ 7 މެމްބަރުންނެވެ. އަދި ޢާއްމު މެމްބަރުންގެ ގޮތުގައި އިންތިޚާބުކުރަންޖެހޭ 7 މެންބަރުންގެ ތެރެއިން މިފަހަރު އިންތިޚާބުކުރީ 6 މެމެބަރުންނެވެ. އެއީ މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ މިދަރުރުގެ މެދުތެރޭގައި މީޑިއާތަކުންނާއި އަމިއްލަ މީހުންގެތެރެއިން 2 މެންބަރަކު އިންތިޚާބުކޮށްފައިވާތީއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރަކީ 2 އަހަރު ދުވަހުގެ ދައުރެކެވެ. މީޑިއާ ކައުންސިލްގެ މައިގަނޑު މަޤްސަދަކީ ޤާނޫނު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމެވެ. އަދި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި އުސޫލުތަކުގައި ހިފަހައްޓާ ޒިންމާދާރު މީޑިއާއެއް ޤާއިމުކުރުމެވެ.