އޮސްޓްރޭލިއާގައި މިހާރު ކުރިޔަށްދާ 16 ވަނަ ފީނާ ސްވިމިން ޗެމްޕިއަންޝިޕްގެ 200 މީޓަރު މެޑްލޭ އިވެންޓުގައި ވާދަކޮށް ރާއްޖޭގެ އުއްމީދީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމް ޤައުމީ ރެކޯޑު އާކޮށްފި އެވެ.
މުބާލް މި ރެކޯޑު އާކޮށްފައިވަނީ މި މުބާރާތުގެ ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު މެޑްލޭ އިވެންޓުގައި ވާދަކޮށް 02.19.77 (ދެ މިނެޓު ނަވާރަ ޕޮއިންޓް ހަތެއް ހަތެއް) ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.
މި އިވެންޓްގެ ރެކޯޑް އެންމެ ފަހުން ވެސް އޮތީ މުބާލް އަތުގަ އެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކަހާރާ ގައި ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްގެންނެވެ. ގޭމްސްގައި މުބާލް ވަނީ ޝޯޓްކޯސް 200 މީޓަރު މެޑްލޭ އިވެންޓުގައި ވާދަކޮށް 2 މިނެޓު 26.27 ސިކުންތުން ނިންމައިގެންނެވެ.
މުބާލްގެ އިތުރުން ރާއްޖޭގެ ތިން ފެތުންތެރިން ކަމަށްވާ ހަމްނާ އަހުމަދު، އައިޝަތު ސައުޝަން އަދި މުހައްމަދު ރިހާން ޝިހާމް ދަނީ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުންނެވެ. މުބާލް ހިމެނެނީ ރާއްޖޭގެ ފެތުމުގެ ގައުމީ ސްކޮޑުގައި މި ވަގުތު ހުރި ސީނިއާ ފެތުންތެރިންގެ ތެރޭގައެވެ. އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކާއެކު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.
މިއަހަރުގެ ޖުލައި އަދި އޯގަސްޓް މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތް ގޭމްސްގައި ވެސް މުބާލް ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.