ކުޅިވަރު

4 ގުނަ 50 މީޓަރު މިކްސްޑް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އާކޮށްފި


އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ 16 ވަނަ ފީނާ ސްވިމިން ޗެމްޕިއަންޝިޕުގައި 4 ގުނަ 50 މީޓަރު މިކްސްޑް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު ދިވެހި ޓީމުން އާކޮށްފިއެވެ.

މި ރިކޯޑު އާކުރި ޓީމުގައި ހިމެނެނީ އާއިޝަތު ސައުސަން އާއި، ހަމްނާ އަޙްމަދާއި، މުޙައްމަދު ރިހާން ޝިހާމް އަދި މުބާލް އައްޒާމް އިބްރާޙީމެވެ. މި ޓީމުން ރިކޯޑު އާކޮށްފައިވަނީ 2 މިނެޓު 5.53 ސިކުންތުން އިވެންޓުން ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ގައުމީ ރިކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި 15 ވަނަ ފީނާ ސްވިމިން ޗެމްޕިއަންޝިޕުގައި 2 މިނެޓު 5.97 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެ ފަހަރުގެ ޓީމުގައި ހިމެނެނީ ސައުސަން އާއި ޙަމްނާގެ އިތުރުން، ޢަލީ އިމްޢާން އަދި މުޙައްމަދު އާން ޙުސައިނެވެ.

މިހާރު ކުރިއަށްދާ ފީނާ ސްވިމިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ހަތަރު ފެތުންތެރިއަކު އަންނަނީ ވާދަކުރަމުންނެވެ. މި މުބާރާތުގެ ތެރެއިން ދިވެހި ޓީމުން 4 ގުނަ 50 މީޓަރު މިކްސްޑް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އާކުރިއިރު، އުއްމީދީ ފެތުންތެރިޔާ މުބާލް ވަނީ ހަމަ މި މުބާރާތުގައި 200 މީޓަރު މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑުވެސް އާކޮށްފައެވެ.

މުބާލް ހިމެނެނީ ރާއްޖޭގެ ފެތުމުގެ ގައުމީ ސްކޮޑުގައި މި ވަގުތު ހުރި ސީނިއާ ފެތުންތެރިންގެ ތެރޭގައެވެ. އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކާއެކު ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން މި އަހަރުގެ ޖުލައި އަދި އޯގަސްޓް މަހު އިނގިރޭސިވިލާތުގެ ބާމިންހަމުގައި ބޭއްވި ކޮމަންވެލްތް ގޭމްސްގައިވެސް މުބާލް ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.