މޮރޮކޯ ބަލިކޮށް ކްރޮއޭޝިއާއިން ފީފާ ވޯލްޑް ކަޕް 2022 ގެ ތިންވަނަ ހޯދައިފިއެވެ.
ގަތަރުގެ ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތްވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އިވާން ޕެރިސިޗްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސްކޯ ޔިވާޑިއޯއެވެ.
އެކަމަކު އޭގެ ދެ މިނެޓު ފަހުން މޮރޮކޯއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އަޝްރަފް ދާރީއެވެ. މި ލަނޑަށްފަހު ކްރޮއޭޝިއާއިން ވަނީ އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ކެޕްޓަން ލޫކާ މޮޑްރިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ މޮރޮކޯގެ ކީޕަރު ޔަސިން ބޯނޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު ކްރޮއޭޝިއާއަށް ޖަހާދިނީ މިސްލާވް އޯސިކްއެވެ،
މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހުގެރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި އާޖެންޓީނާއެވެ.