ކުޅިވަރު

ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތް "ބަނޑުފިލާ ޗެލެންޖް 2022" ފަށައިފި


މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބޮޑީބޯޑިން ލީގުގެ އަހަރުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖް 2022 ފަށައިފިއެވެ.

މި މަހުގެ 23 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ހަތަރު ކެޓަގަރީ ހިމަނާފައިވެއެވެ. މީގެ ކުރިން ފަސް ކެޓަގަރީ ހިމަނަން ނިންމި ނަމަވެސް އަންހެން ކެޓަގަރީގައި އެއްވެސް ބައިވެރިއަކު ބައިވެރިއެއް ނުވެއެވެ. އަދި މިއަހަރު މުޅިން އަލަށް މާސްޓާސް ކެޓަގަރީ ވަނީ ހިމަނާފައެވެ. އެ ކަޓަގަރީގައި ވާދަކުރާނީ 35 އަހަރުން މަތީގެ ބޮޑީބޯޑަރުންނެވެ.

ގައުމީ ލީގަށް ޕޮއިންޓް ލިބޭ އުސޫލުން މިއަހަރު ދެ މުބާރާތް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ބުރުނުޝިކާރު ޗެލެންޖާއި މިދިޔަ ޖޫން މަހު ކުރިއަށް ގެންދިޔަ މޯލްޑިވްސް ޕްރޯ ޓްރަޔަލްސްއެވެ. މި ދެ އިވެންޓުން ލިބުނ ޕޮއިންޓްތަކާއެކު މިވަގުތު ކުރީގައި އޮތީ ރާއްޖޭގެ އެއް ނަމްބަރު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑައައްޔަ)އެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ ޖޫނިއާ ކެޓަގަރީއެވެ. އެ ކެޓަގަރީގައި 15 ބޮޑީބޯޑަރުން ވާދަކުރާނެއެވެ.

އަލަށް ހިމެނި މާސްޓާސް ކެޓަގަރީގައި ހަ ބޮޑީބޯޑަރުން ވާދަކުރާއިރު ޑޮރޮޕް ނީ ބައިގައި 11 ބޮޑީބޯޑަރުން ވާދަކުރެއެވެ. އަދި ފިރިހެން އޯޕަން ބައިގައި 27 ބޮޑީބޯޑަރުން ވާދަކުރެއެވެ.

އެމްބީބީއޭ އިން މިއަހަރު ހަ މުބާރާތެއް ބާއްވަން ތާވަލުކުރި ނަމަވެސް އޭގެ ތެރެއިން ބައެއް މުބާރާތްތައް އެކި ސަބަބުތަކާހުރެ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. އެކަމަކު މި ހުރިހާ މުބާރާތެއް އަންނަ އަހަރު ބޭއްވުމަށް އެ އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.