ކުޅިވަރު

400 މީޓަރު މެޑްލޭގެ ގައުމީ ރިކޯޑު މުބާލް އާކޮށްފި


އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ 16 ވަނަ ފީނާ ސްވިމިން ޗެމްޕިއަންޝިޕުގައި ފިރިހެނުންގެ ޝޯޓްކޯސް 400 މީޓަރު މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މުބާލް އައްޒާމް އިބްރާހީމް އާކޮށްފިއެވެ.

މުބާލް މިރިކޯޑު އާކޮށްފައިވަނީ 5 މިނެޓު 00.64 ސިކުންތުން އިވެންޓް ނިންމައިގެންނެވެ. މީގެ ކުރިން މި ރިކޯޑު އާކޮށްފައިވަނީ 2021 ވަނަ އަހަރު ބޭއްވި ފީނާ ސްވިމިން ވޯލްޑް ކަޕުގެ ހަތަރުވަނަ ލެގުގައި އަލީ އިމްޢާނެވެ. އެއީ 5 މިނެޓު 06.64 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެނެވެ.

މިއީ މި މުބާރާތުގައި މުބާލް އާކުރި ދެވަނަ ގައުމީ ރިކޯޑެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ 200 މީޓަރު މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑުވެސް އާކޮށްފައެވެ. އެއީ 2 މިނެޓު 19.77 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މީގެ އިތުރުން މުބާލް ހިމެނުނު ޓީމުން ވަނީ 4 ގުނަ 50 މީޓަރު މިކްސްޑް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑުވެސް އާކޮށްފައެވެ.

މުބާލް ހިމެނެނީ ރާއްޖޭގެ ފެތުމުގެ ގައުމީ ސްކޮޑުގައި މި ވަގުތު ހުރި ސީނިއާ ފެތުންތެރިންގެ ތެރޭގައެވެ. އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކާއެކު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން މި އަހަރުގެ ޖުލައި އަދި އޯގަސްޓް މަހު އިނގިރޭސިވިލާތުގެ ބާމިންހަމުގައި ބޭއްވި ކޮމަންވެލްތް ގޭމްސްގައިވެސް މުބާލް ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.

މި ފަހަރުގެ ފީނާ ސްވިމިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ހަތަރު ފެތުންތެރިއަކު ވާދަކުރެއެވެ. އެއީ މުބާލުގެ އިތުރުން އާއިޝަތު ސައުސަން އާއި، ހަމްނާ އަޙްމަދު އަދި މުޙައްމަދު ރިހާން ޝިހާމެވެ.