އިޓާލިއަން ސެރިއާގަ އަންނަ މަހުން ފެށިގެން ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ފަށާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.
އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖެނުއަރީ މަހު އިޓާލިއަން ލީގުގެ 20 ވަނަ ބުރުގެ މެޗުތައް ފަށާނީ ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީއާ އެކު ކަމަށާއި އެހާތަނަށް އިޓަލީގެ ޑޮމެސްޓިކް ރެފްރީސް އެސޯސިއޭޝަން އޭއައިއޭއާ އެކު ކުރިއަށްގެންދަން ޖެހޭ ބައްދަލުވުންތައް ނިންމާލެވޭނެ ކަމަށެވެ.
ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ އެންމެ ފުރަތަމަ ޓެސްޓްކުރީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ކުރިއަށްދިޔަ އަރަބް ކަޕްގަ އެވެ. އޭގެ ފަހުން މި އަހަރު ކުރީކޮޅުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރުމަށް ފަހު، ބޮޑު މުބާރާތެއްގައި އެ ޓެކްނޮޮލޮޖީގެ ފެނިލުމަކަށް ވެގެންދިޔައީ، ދާދި ފަހުން ގަތަރުގައި ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގަ އެވެ.
ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތަށް ބަލާއިރު، ބޯޅައިގައި އިންނަ ސެންސާ ޗިފް-ޑިވައިސް އެއް މެދުވެރިކޮށް، ކުޅުންތެރިއާ ބޯޅައިގައި ޖަހާ ސީދާ ވަގުތު ދެނެގަނެ، އެ ޑާޓާ ވަގުތުން ހިއްސާކުރާނީ ވީއޭއާރް ސިސްޓަމަަށެވެ.
ވީއޭއާރް ސިސްޓަމަށް މައުލޫމާތު ލިބުނުހާ އަވަހަކަށް މެޗު ރެފްރީ އަށް ވީއޭއާރް ރޫމުން އެކަން އަންގާނެ އެވެ. މިއީ ގޯލް ލައިން ޓެކްނޮލޮޖީހާ ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެ ބަދަލެއް ކަމަށް ފީފާ އިން ގަބޫލުކުރެ އެވެ. ކްލަބް ފުޓްބޯޅަ އަށް ބަލާއިރު، މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވެސް ޔުއެފާ އިން ވަނީ ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ޓެސްޓްކޮށްފަ އެވެ