އާޖެންޓީނާއިން ކާމިޔާބުކުރި ފީފާ ވޯލްޑް ކަޕުގެ ތަށި އެ ގައުމުގެ ރައްޔިތުންނަށް ދައްކާލުމަށް ވެރިރަށް ބޮއިނޮސައިރިސްގައި ބޭއްވި ބަސް ޕެރޭޑް މެދުކަނޑާލައިފިއެވެ.
އާޖެންޓީނާގެ ޤައުމީ ޓިމުން ހޯދި މި އުފަލުގައި ބައިވެރިވުމަށް އެޤައުމުގެ ވެރިރަށުގެ މަގުތަކަށް އެތައް މިލިއަން ރައްޔިތުންނެއް ނުކުމެފައިވެއެވެ. އެއާއެކު ބަސް ޕެރޭޑް މެދުކަނޑާލަން ޖެހުނީ މަގުމަތީ އުފާފާޅުކުރަމުންދިޔަ އާންމުންގެ އަދަދު އިތުރުވެ ބަސް ދުއްވޭވަރު ނުވުމުންނެވެ.
އަށް ގަޑިއިރަށް ދެމިގެންދާނެކަމަށް ބެލެވުނު ބަސް ޕެރޭޑް ފެށަައިގެން ކުރީކޮޅު ވާރލްޑް ކަޕްގެ ތަށި އާންމުންނަށް ހުރިހާ ކުޅުންތެރިންވެގެން ދައްކަމުންދިޔައެވެ. ނަމަވެސް މީހުން މާ ގިނަވުމުގެ ސަބަބުން އާޖެންޓީނާގެ ކަމާބެހެޭ ފަރާތްތަކަށް ޖެހުނީ އެހެން ވިސްނުމަކަށް ދާށެވެ. މިގޮތުން އެންމެފަހުން އާޖެންޓީނާ ޓީމްގެ ކުޅުންތެރިން އާންމުންނަށް ފެނިލަންޖެހުނީ އާންމުންގެ މަތިން ހެލިކޮޕްޓަރެއްގައި ދަތުރު ކޮށްގެންނެވެ. އާޖެންޓީނާ ރިޔާސީ ތަރުޖަމާނު ހާމަކުރެއްވިގޮތުގައި މަގުތަކުގައި އުފާފާލޫ ކުރަމުންދިޔަލެއް ބޮޑު ކަމުން ބަސް ދަތުރެއް ބޭއްވުން ވެގެންދިޔައީ ނުވާނެކަމަކަށް ކަމަށެވެ.
އާޖެންޓީނާ ސަރުކާރުންވަނީ އިއްޔެއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފައެވެ. އާޖެންޓީނާއިން ހާމަކުރިގޮތުގައި ގާތްގަޑަކަށް ހަތަރު މިލިއަނެއްހާ ރައްޔިތުން ބޮއިނޮސައިރިސްގެ މަގުތަކަށް ނިކުތެވެ. އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޗިކުއި ޓާޕިއާ ވަނީ ޓްވީޓް މެދުވެރިކޮށް ބަސް ދަތުރު ހުއްޓާލަން ޖެހުމުން ކުޅުންތެރިންގެ ފަރާތުން އާންމުންގެ ކިބައިން މާފަށް އެދިފައެވެ.