ކުޅިވަރު

ބޯންމަތު ބަލިކޮށް ނިއުކާސަލް ޔުނައިޓެޑް ކުއާޓާއަށް


އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން ނިއުކާސަލް ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

ނިއުކާސްލްއިން މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ބޯންމޯތާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގައި ނިއުކާސްލްއިން ޖެހި ހަމައެކަނި ލަނޑަކީ މެޗްގެ 67 ވަނަ މިނެޓްގައި ބޯންމޯތުގެ އެޑަމް ސްމިތު އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މިމެޗްގައި ނިއުކާސްލް ޓިމުގައިވަނީ ވާރލްޑް ކަޕްގައި އިންގްލަންޑް ޓީމް ތަމްސީލްކުރި ތިން ކުޅުންތެރިން ކަމަށްވާ ނިކް ޕޯޕް، ކިއެރަން ޓްރިޕިއަރ އަދި ކެލުމް ވިލްސަން ހިމަނާފައެވެ. އަދި ސްވިޓްޒަލަންޑްގެ ޑިފެންޑަރ ފަބިއަން ޝާ އާއި ބްރެޒިލްގެ މިޑްފީލްޑަރ ބްރޫނޯ ގުއިމަރޭސް ވެސްވަނީ ނިއުކާސްލް ޓީމަށް ކުޅެފައެވެ.

މިމެޗްގައި ބޯންމޯތުއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި ނިއުކާސްލް ބައްދަލުކުރާ ޓީމެއް އެނގިގެންދާނީ މާދަމާ ރޭ ބާއްވާ ގުރުއަތުލުމަށްފަހުއެވެ.