ކުޅިވަރު

ސިޓީ އާއި ލިވަޕޫލުގެ މެޗުތަކުގައި ހަމަނުޖެހުން ހިންގާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ


އިނގިރޭސި ޕްރިމިއާ ލީގުގައި ވޭތުވެދިޔަ ދެތިން ސީޒަނުގައި އެންމެ ބޮޑު ދެ ވާދަވެރިންގެ ގޮތުގައި ފާހަގަކުރެވިފައިވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުގެ މެދުގައި ކުޅޭ މެޗުތަކުގައި ހަމަނުޖެހުން ހިންގާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން އެ ދެ ކުލަބުން ގުޅިގެން ހާމަކޮށްފިއެވެ.

މިދެކްލަބުން މިކަން ހާމަކޮށްފައިމިވަނީ އިނގިރޭސި ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި މިދެޓީމް ބައްދަލުކުރަން ހަމަޖެހިފައިއޮތުމާއި ގުޅިގެންނެވެ.

މިދެކްލަބްގެ ކަމާބެހޭ ފަރާތްތަކާއި ސަޕޯޓަރުންގެ ގްރޫޕްތަކުންވަނީ މިދިޔަ މަހު މިކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ. އަދި މިގޮތުން މިބައްދަލުވުމުގައި މިކަންތައްތައް އިސްލާހުކޮށް ބައެއް ސަޕޯޓަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތައް ހުއްޓުވާ ދެކްލަބްގެ ދެމެދުގައި ހިނގާ މިފަދަ ކަންތައްތަކަށް ހައްލެއް ހޯދާ ގުޅުން ބަދަހި ކުރުމަށް އެއްބަސްވެވުނެވެ. މިދެކްލަބުން މިހާރުވަނީ ހަމަނުޖެހުން ހިންގާނަމަ އެކަން އަންގުމަށް އެދި ސަޕޯޓަރުންނަށް ގުޅިގެން ސިޓީއެއް އާންމުކޮށްފައެވެ. ކަރަބާއޮ ކަޕްގައި މިދެޓީމް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އިއްތުހާދު ސްޓޭޑިއަމްގައެވެ.

މިދެޓީމް އެންމެފަހުން ބައްދަލުކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުއެވެ. އެންފީލްޑްގައި ކުޅުނު އެމެޗް އެއްލަނޑު ސުންލަޏޑުން ކާމިޔާބުކުރީ ލިވަޕޫލްއެވެ. އެމެޗްގެ ތެރެއިން ސަޕޯޓަރެއް އެއްލި ދަގަނޑު ރުފިޔާއެއް ސިޓީގެ ކޯޗްގެ ބޮލުގައި ޖެހުނުކަމަށް ބުނެވޭއިރު ލިވަޕޫލުންވަނީ ސިޓިގެ ސަޕޯޓަރުން ސަޕޯޓްކުރުމުގައި ކުޅިވަރުގެ ރޫހާއި ހިލާފްކަން ހާމަކޮށްފައެވެ. އަދި ސިޓީގެ ކުޅުންތެރިން ގޮވައިގެން ދިޔަ ބަހުގެ ބިއްލޫރި ގަނޑު ތަޅާލާފައިވާކަމުގެ ޝަކުވާ ސިޓީއިން އުފުލިއެވެ.