އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން ލީގު ވަންގެ ޗާލްޓަން އެތުލެޓިކް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޗާރލްޓަން ޖާގަހޯދީ ހަތަރުވަނަ ބުރުގައި ރޭ އިނގިރޭސި ޕްރިމިއަރ ލީގަށް ނިސްބަތްވާ ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެެވެ.
ޗާރލްޓަންގެ ދަނޑުގައި ކުޅުނު މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެެވެ. ޕެނަލްޓީ ސޫޓްއައުޓް ޗާރލްޓަން ކާމިޔާބުކޮށްފައިވަނީ ހަތަރު ލަނޑު 3 ލަނޑުންނެެވެ. މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާ މުޅި މެޗްހެން ކަހަލަ ގޮތަކަށް ޑޮމިޏޭޓް ކޮށްފައިވަނީ ބްރައިޓަންއިންނެވެ. ނަމަވެސް އެޓީމަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން މިމެޗްގައި ހިފޭގޮތެއް ނުވިއެވެ. އަދި ޗާރލްޓަންއިންވަނީ ބްރައިޓަންއަށް ލަނޑެއް ޖެހުނަ ނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް މިމެޗްގައި ކޮށްފައެވެ. މިމެޗްގެ ޕެނަލްޓީ ޝޫޓްއައުޓްވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މިގޮތުން ފުރަތަމަ ނުވަ ޕެނަލްޓީގެ ތެރެއިން ހަ ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ޗާރލްޓަންގެ މިކާމިޔާބީއާއެކު މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދި ޓީމްތަކުގެތެރެއިން ޕްރިމިއަރ ލީގަށް ނިސްބަތްނުވާ ހަމައެކަނި ޓީމަކަށް އޮތީ ޗާރލްޓަންއެވެ. ޗާރލްޓަންގެ ވަގުތީ ކޯޗް އެންތަނީ ހެޔޭސް ހާމަކުރިގޮތުގައި މިއީ ހާއްސަ ރެއެކެވެ. އަދި އޭނާގެ ޓީމްގެ ފަރާތުން ފެނިގެންދިޔައީ ހާއްސަ ކުޅުމެއް ކަމަށެވެ. އަދި މިއީ ޗާރލްޓަންގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި މުޅި ކްލަބްވެސް ހަނދާންނެތޭނެ ރެއެއް ނޫން ކަމަށްވެސް ހެޔޭސް ހާމާކުރިއެވެ.