ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރީޕް ސީގައި ޒިއުރިކާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު އާސެނަލުން ކާމިޔާބުކޮށްފިއެވެ.
ޒިއުރިކްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކޮށްފައިވަނީ 9 ލަނޑު އެއްލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ އާސެނަލްގެ ފްރީޑާ މާނުމްވަނީ ހެޓްރިކް ހަދާފައެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ލަނޑު އާސެނަލްއަށް މެޗްގެ 18 ވަނަ މިނެޓްގައި ޖަހާދިނީވެސް މާނަމްއެވެ. އޭނާގެ ދެވަނަ ލަނޑު 31 ވަނަ މިނެޓްގައި ޖެހިއިރު ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ 51 ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑުންނެވެ. މިމެޗްގައި މާނަމްގެ އިތުރުން ކައިޓްލިން ފޯޑް އާއި ސްޓީނާ ބްލެކްސްޓެއިނިއަސް ކުރެ ކޮންމެ ކުޅުންތެރިއަކުވަނީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އަނެއް ދެލަނޑު ޖަހާދިނީފައިވަނީ ކިމް ލިޓްލް އާއި އިވަބޫޗީއެވެ. މިމެޗްގައި ޒިއުރިކްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ހަމްއެވެ.
މިކާމިޔާބީއާއެކު ގްރޫޕްގެ އެއްވަނަ މަގާމް މިހާރުވަނީ އާސެނަލްއަށް ލިބިގެން ގޮސްފައެވެ. ނަމަވެސް އާސެނަލްގެ ކޯޗް ޖޯނަސް އެއިޑަވާލް ބޭނުންވަނީ ޓީމްގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ގެންނާށެވެ. މީގެއެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އެޓީމްގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ ވިވިއަން މިއެޑެމާ އާއި ބެތު މީޑްއަށް އަނިޔާވެފައިވުމެވެ.