ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގެ ލިސްޓުގައި ކުރިއަރަމުން އަންނަ ފެތުންތެރިޔާ އީން އައްބާސް ޝަރީފާއި ޓެނިސް ތަރި އާރާ އާޞާލް އާޒިމް ހިމަނައިފިއެވެ.
"އަރުތަ" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.
އަރުތަ ޕްރޮގުރާމުގެ ލިސްޓުގައި އުމުރުން 15 އަހަރުގެ އީން ހިމެނިކެން ހާމަކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެތުމުން މިހާރުވެސް ގިނަ ކުރިއެރުންތަކެއް އީން ހޯދަމުންދާ ގޮތަށް، އިތުރަށް މަސައްކަތްކޮށް ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދޭނެ ކަމަަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެ އިތުރުން އުމުރުން 14 އަހަރުގެ ޓެނިސް ތަރި އާރާ އަރުތަ ޕްރޮގްރާމުގެ އެތުލީޓުންގެ ލިސްޓުގައި ހިމެނިކަން ހާމަކުރައްވައި މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތައިލެންޑުގައި އާރާ ކުރިއަށްގެންދާ ތަމްރީނުތަކުގެ ޚަރަދު މި ޕްރޮގްރާމުގެ ދަށުން ކަވަރުކޮށްދޭނެ ކަމަށާއި، ކާމިޔާބަށް އެދޭ ކަމަށެވެ.
އަރުތަ ޕްރޮގުރާމުގައި އިތުރު ދެ އެތުލީޓުން ހިމެނިއިރު، މީގެ ކުރިން ވަނީ ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ޕެއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ވެސް މި ޕްރޮގުރާމުގައި ހިމަނާފައެވެ.
ސަރުކާރުގެ އެހީގައި މިހާރުވެސް ބައެއް ކުޅިވަރުތަކުގެ އެތުލީޓުން އަންނަނީ ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުންނެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިހާއި، ޓެނިސް އަދި އެތުލެޓިކްސްގެ ޒުވާން އެތުލީޓުން ހިމެނެއެވެ.