އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލުން ސިޓީ ޖާގަހޯދާފައިވަނީ ހަތަރު ވަނަ ބުރުގައި ރޭ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކޮށްފައިވަނީ ތިންލަނޑު ދެލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި އަދި ބަލާހިތްވާ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.
މިމެޗްގެ ފެށުން ރަނގަޅުވީވެސް ސިޓީގެއެވެ. މިގޮތުން މެޗް ފެށުނުތާ ކައިރީގައި ސިޓީގެ ފޯވަޑް އާރލިންގ ހާލަންޑަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އެފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗްގައި ސިޓީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ކެވިން ޑި ބްރުއިނަރ ނަގާދިން ހުރަހެއްގައި ކާމިޔާބުކޮށްދިނީ ހާލަންޑެވެ. މިއީ އޭނާ މިސީޒަންގައި ސިޓީއަށް ކާމިޔާބުކޮށްދިން 24 ވަނަ ލަނޑެވެ.
ސިޓީއިން މެޗްގެ ލީޑު ނެގިތާ 10 މިނެޓްފަހުން ލިވަޕޫލުންވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފަބިއޯ ކަވާލިއޯ އެވެ. މިމެޗްގައި ސިޓީއިން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރިޔާދު މަހްރެއިޒްއެވެ.
ނަމަވެސް މިލީޑު ސިޓީއަށް މިނެޓެއް ހާއިރުވެސް ހިފެހެއްޓޭ ގޮތެއްނުވިއެވެ. މެޗްގެ 48 ވަނަ މިނެޓްގައި މުހަންމަދު ސަލާހް ޖަހާދިން ލަނޑާއެކު ލިވަޕޫލުން ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
މިމެޗުން ސިޓީ މޮލުވި ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހާދިނީ ޑިފެންޑަރ ނޭތަން އައިކަރއެވެ. މިމެޗްގެ ނަތީޖާ ތިންވަނަ ފަހަރަށް އެއްވަރު ކުރުމުގެ ފުރުސަތު ލިވަޕޫލަށް ލިބުނު ނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. ހާއްސަކޮށް މިމެޗްގައި ޑަވިން ނޫނޭޒްއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަ ވެގެންދިޔައެވެ. އަދި ސިޓީއިންވެސް ލަނޑުގެ އަދަދު އިތުރު ކުރެވޭތޯ ބެލި ނަމަވެސް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ކްއާޓަރ ފައިނަލުން ސިޓީ ޖާގަހޯދާފައިވާއިރު މިފަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވެގެންދާނީ މިމުބާރާތުގެ އެންމެ ކާމިޔާބު ކޯޗަށެވެ.