ކުޅިވަރު

ޕީއެސްޖީ އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް


ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ތިންލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޗެލްސީއަށް ކަމިޔާބުކޮށްދިނީ ސޭމް ކާރއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހާދިނީ ލައުރެން ޖޭމްސްއެވެ. އަދި އެޓީމްގެ ފަހު ލަނޑު ޖަހާދިނީވެސް ޖޭމްސްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

ޗެލްސީގެ ކޯޗް އެމާ ހޭސް ހާމަކުރިގޮތުގައި މިއީ މިސީޒަންގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު ކުޅުމެވެ. އަދި މިމެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ހޭސް ހާމަކުރިއެވެ. މިކާމިޔާބީއާއެކު ޗެލްސީ ވިމެން ވަނީ ގްރޫޕް އޭގެ އެއްވަނަ ކަަށަވަރު ކޮށްފައެވެ. އެއީ ކުޅުނު 6 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. ދެވަނައިގާ އުޅޭ ޕީއެސްޖީ އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.