ރާއްޖޭގެ އުފެއްދުންތައް ރާއްޖޭން ބޭރުގެ ބާޒާރަށް އެކްސްޕޯޓްކުރާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފަރ ކުރުމަށް ނަގާ އަގުތަކަށް ބަދަލުގެނައުމަށް އެމްޕީއެލްއިން ނިންމައިފިއެވެ.
މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެމްޕީއެލްއިން ބުނީ މިބަދަލަކީ ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ މަގު ފަހިކޮށްދިނުމާއި ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރި އިތުރަށް ކުރިއަރުވައި އެކްސްޕޯޓް ވިޔަފާރީގައި ވާދަކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ.
މިބަދަލާއެކު އެމްޕީއެލްއިން މިހާރު ނަގަމުން އަންނަ އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފާގެ އަގު އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގާތްގަޑަކަށް 75 އިންސައްތައަށް ކުޑަވާނެއެވެ. އެގޮތުން މިހާރު 20 ފޫޓް ކޮންޓެއިނަރއަކަށް ޖީއެސްޓީ ނުލައި 4419.03 ރުފިޔާ ނެގިނަމަވެސް މިބަދަލާއެކު އެވަރުގެ ކޮންޓެއިނަރއަކަށް ނަގާނީ 1132.08 ރުފިޔާއެވެ. އަދި މިހާރު 40 ފޫޓްގެ ކޮންޓެއިނަރ އަކަށް 8767.51 ރުފިޔާނެގި ނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ނަގާނީ 2264.15ރުފިޔާއެވެ.
އެކްސްޕޯޓް ކޮންޓެއިނަރ ޓެރިފަށް ގެނައި ބަދަލާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްޕީއެލްއިން ވަނީ ރާއްޖެއިން ބޭރަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތަކާ ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފާ ކުރުމަށް ނަގާ އަގުތަކަށް އެކުންފުނިން ބަދަލު ގެނައީ މިހާރު ނަގަމުންދާ އަގުތަކާމެދު އެކްސްޕޯޓަރުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެމީހުންނަށް ލުޔެއް ދިނުމުގެ ގޮތުންކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ އެކްސްޕޯޓަރުންނަށްވެސް ވިޔަފާރި ހިންގުމަށް ފަސޭހަގޮތްތަކެއް ހޯދައިދިނުން ކަމަށާއި މާލޭ ކޮމާޝަލް ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިތަކާ ގުޅިގެން އެކްސްޕޯޓަރުންނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކުންވެސް ވަނީ އެފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހިއްސާކޮށްފައެވެ. އަދި އެމީހުން ވަނީ އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފަރ ޓެރިފްގެ އަގުތަކަށް ގެނެވުނު ބަދަލާމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.