ޚަބަރު

ޔުގާންޑާގައި އައު އަހަރު ފާހަގަކުރަން ބޭއްވި ހަފުލާއެއްގައި ފިތިބާރުވެގެން ގިނަ ބަޔަކު މަރުވެއްޖެ


ޔުގާންޑާގެ ވެރިރަށް ކަމްޕާލާގެ ފިހާރަބަރިއެއްގައި އައު އަހަރު ފާހަގަކުރަން ބޭއްވި ހަފުލާއެއްގައި ފިތި ބާރުވެގެން ނުވަ މީހުން މަރުވެއްޖެއެވެ. ކަމްޕާލާގައި ހުންނަ ފްރީޑަމް ސިޓީ މޯލްގައި ބޭއްވި ހަފުލާގައި އެތަކެއް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. އެތަނަށް އެއްވި މީހުން ފިތި ބާރުވެގެން ހިނގި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

ފްރީޑަމް ސިޓީ މޯލާއި އެ ފިހާރަ ބަރި ހުންނަ ސަރަޙައްދަށް އެތަކެއް ސަތޭކަ ބަޔަކު ޖަމާވެފައި ވަނީ އައު އަހަރު ފާހަގަކުރުމަށް ބޭއްވި ހަވާއެރުވުމުގެ ކުޅިވަރުތައް ބަލައިލުމަށެވެ. ފިތި ބާރުވެގެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 10 އަހަރާއި 20 އަހަރާ ދެމެދު ކުދިންނެވެ. މި ހާދިސާގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ކަމްޕާލާގެ އޮފިޝަލުން ބުނެއެވެ.

މަރުވި މީހުންގެ ތެރެއިން ފަސް މީހަކު މަރުވީ، ފިހާރަބަރީގެ ތެރޭގައެވެ. އަދި، އިތުރު ހަތަރު މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމުގައި ޔުގާންޑާގެ ފުލުހުން ބުނެއެވެ. މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކަމްޕާލާގައި އައު އަހަރު ފާހަގަ ކުރުމަށް މި ފަދަ ހަރަކާތްތަކެއް ބޭއްވި ފުރަތަމަ ފަހަރެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، އެ ޤައުމުގައި މި ފަދަ ހަރަކާތެއް ބާއްވާފައެއް ނުވެއެވެ.

މި ހާދިސާގައި މަރުވި ކުދިންގެ ޢާއިލާތުން ދަނީ އެ ކުދިންގެ ޖަނާޒާ ބޭއްވުމަށް ތައްޔާރުވަމުންނެވެ. 2009 ވަނަ އަހަރު ވެސް ކަމްޕާލާގައި މި ފަދަ ހާދިސާއެއް ހިނގިއެވެ. ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވާ ޕާކެއްގެ ތެރޭގައި ހިނގި އެ ހާދިސާގައި އެކަކު މަރުވިއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވިއެވެ.