ޖަރުމަނުވިލާތުގައި ޓެރެރިސްޓު ހަމަލާއެއް ދޭން ރާވަމުންދިޔަ އީރާނުގެ ރައްޔިތެއް ހައްޔަރުކޮށްފައިވާ ކަމުގައި ޖަރުމަނު ފުލުހުން ބުނެފިއެވެ. އެ ޤައުމުގެ ހުޅަނގުގައިވާ މުންސްޓަރގެ ފުލުހުން ބުނީ، ނުރައްކާތެރި ކެމިކަލް ބޮންތަކެއް ގޮއްވައިލައިގެން ޓެރެރިސްޓު ހަމަލާއެއް ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ އީރާނު ރައްޔިތެއް ކަމުގައެވެ.
އޭނާއާ އެކު އޭނާގެ ބޭބެ ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މީހުން ދިރިއުޅެމުންދިޔަ ޢިމާރާތް ބަލައިފާސްކުރުމުން، އެ ތަނުން ނުރައްކާތެރި ވިހަ މާއްދާތަކެއް ފެނިފައިވާ ކަމުގައި ފުލުހުން ބުންޏެވެ. އަދި، އޭނާ ރާވާފައި ވަނީ ވިހަ މާއްދާތަކެއް ކަމުގައިވާ ސަޔަނައިޑްއާއި ރައިސިން ބޭނުންކޮށްގެން ޓެރެރިސްޓް ހަމަލާތަކެއް ދިނުމަށް ކަމުގައި ވެސް ފުލުހުން ބުނެއެވެ.
މި ދެ މާއްދާއަކީ ވެސް ކެމިކަލް ހަތިޔާރުގެ ގޮތުގައި ބެލެވޭ ދެ މާއްދާއެވެ. އަދި، ކެމިކަލް ބޮން އުފެއްދުމަށް ބޭނުންކުރެވިދާނެ ވިހަގަދަ ދެ މާއްދާއެވެ. ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޯޓަށް ހާޒިރުކުރާނެ ކަމުގައި މުންސްޓަރގެ ފުލުހުން ބުނެއެވެ. އަދި، މި ހާދިސާ ތަހުޤީޤު ކުރަމުންދާ ކަމުގައި ވެސް އެ ފަރާތުން ބުންޏެވެ.
ޖަރުމަނުވިލާތުގައި ނުރައްކާތެރި ޓެރެރިސްޓު ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މަޢުލޫމާތު އެ ޤައުމުގެ ފުލުހުންނާ ހިއްސާކޮށްފައި ވަނީ އެކުވެރި ޤައުމެއްގެ ޖާސޫސީ އިދާރާއިން ކަމުގައި އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ހައްޔަރުކޮށްފައިވާ މީހާގެ ގެ ބަލައި ފާސްކުރުމަށް ފުލުހުން ވަދެފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމުގައި ވެސް އެ ޤައުމުގެ ނޫސްތަކުން ބުނެއެވެ.
2018 ވަނަ އަހަރު ވެސް، ބަޔޮލޮޖިކަލް ބޮމެއް ގޮއްވައިލަން ރާވަމުން ދިޔަ ދެ މީހަކު ޖަރުމަނުވިލާތުގައި ހައްޔަރުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އެ ފަހަރު ހައްޔަރުކޮށްފައި ވަނީ، ތޫނިސްގެ ދެމަފިރިއެކެވެ. އެ ދެ މީހުންނަކީ، އައި.އެސް. ޖަމާޢަތާ ގުޅުން އޮތް ދެ މީހުން ކަމުގައި ޖަރުމަނުވިލާތުން ބުނެއެވެ.
އެ ފަހަރު ވެސް ކެމިކަލް ބޮމެއް ތައްޔާރު ކުރުމަށް ބޭނުންކޮށްފައި ވަނީ ރައިސިންއެވެ. ޖަރުމަނުވިލާތުގައި މީގެ ކުރިން ވެސް ނުރައްކާތެރި ޓެރެރިސްޓު ހަމަލާތަކެއް ދީފައިވެއެވެ. 2016 ވަނަ އަހަރު ޓްރަކެއް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި 12 މީހުން މަރައިލާ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުކޮށްލާފައިވެއެވެ.