ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް އުވައިލުމުގެ ގޮތުން އެ ޤައުމަށް އެތެރެވާ ދަތުރުވެރިން ކަރަންޓީނު ކުރުން ހުއްޓައިލުމާ އެކު، ގިނަ އަދަދެއްގެ ބަޔަކު އެ ޤައުމަށް ދަތުރުކުރަން ފަށައިފިއެވެ. 2022 ޑިސެންބަރުން ފެށިގެން ޗައިނާއިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ. އަދި، މިއަދުން ފެށިގެން އެ ޤައުމަށް އެތެރެވާ މީހުން ކަރަންޓީނު ކުރުން ވެސް މި ވަނީ ހުއްޓައިލާފައެވެ.
ޗައިނާއަށް އެތެރެވާއިރު ފުރިހަމަކުރަން ޖެހޭ ކަރަންޓީން ތިން އަހަރުގެ މުއްދަތަކަށް ފަހު އުވައިލާފައިވާއިރު، މިއީ އެ ޤައުމުގެ ރައްޔިތުންގެ އިތުރަށް އެ ޤައުމަށް ދަތުރުކުރަން ބޭނުންވެފައިވާ މީހުންނަށް ވެސް އުފާވެރި ނިންމުމެކެވެ. ކަރަންޓީނު އުވައިލާން ނިންމާފައިވާ ކަން އިޢުލާނުކުރުމާ އެކު ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބޭރު ޤައުމުތަކަށް ދަތުރު ކުރުމަށް ތައްޔާރުވާން ފަށާފައެވެ.
ނަމަވެސް، ޗައިނާއިން މި ފިޔަވަޅު ދޫކޮށްލާފައި މި ވަނީ ކޮންޓްރޯލް ކުރަން ދަތި ހަލުވި މިނެއްގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ފިޔަވަޅުތައް ދޫކޮށްލަން ފެށި ހިސާބުން ފެށިގެން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފެށިއެވެ. އަދި އެތަކެއް ހާސް ބަޔަކަށް ބަލި ޖެހެމުން ދިޔައެވެ. އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. މި ބަލީގައި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ ކަމަށް ބުނެވުނު ނަމަވެސް ޗައިނާއިން ދަނީ އެ ކަން ދޮގު ކުރަމުންނެވެ.
ޗައިނާއިން ކަރަންޓީނުކުރުން ހުއްޓައިލުމުން އެ ޤައުމަށް އެންމެ ފުރަތަމަ ދަތުރުވެރިން އެތެރެވާން ފަށާފައި ވަނީ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީއަށެވެ. މީގެ އިތުރުން، ހޮންގް ކޮންގާއި ޗައިނާއާ ދެމެދު ދަތުރުތައް ވެސް މި ވަނީ ހުޅުވައިލާފައެވެ. އަދި، ކުރިއަށް އޮތް އަށެއްކަ ހަފުތާގެ ތެރޭގައި ހޮންގް ކޮންގުން 400,000 އަށްވުރެ ގިނަ މީހުން ޗައިނާއަށް އެތެރެވާނެ ކަމަށް ބެލެވެއެވެ. އަދި، 7,000 އަށްވުރެ ގިނަ މީހުން ޗައިނާއިން ހޮންގް ކޮންގަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.
ޗައިނާ ފުރަބަންދުކޮށް، އެ ޤައުމަށް އެތެރެވާ މީހުން ކަރަންޓީނު ކުރަން ފަށާފައި ވަނީ 2020 މާރިޗު މަހުގައެވެ. އެ ޤައުމަށް އެތެރެވާ މީހުން ތިން ހަފުތާގެ މުއްދަތަކަށް ކަރަންޓީނު ކޮށްފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްޞަ މަރުކަޒުތަކެއްގައެވެ. ނަމަވެސް، 2022 ޖޫން މަހު ކަރަންޓީނުގެ މުއްދަތު ވަނީ އެއް ހަފުތާއަށް ކުރުކޮށްފައެވެ. އަދި، އެ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެ މައްދަތު ވަނީ ފަސް ދުވަހަށް ހަދާފައެވެ.
ޗައިނާއަށް އެތެރެވާ މީހުން ފުރިހަމަ ކުރަން ޖެހޭ ކަރަންޓީނު އުވައިލާފައިވީ ނަމަވެސް، އެ ޤައުމަށް އެތެރެވުމަށް އަދިވެސް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. މި ގޮތުން، ފަތުރުވެރިންނާއި ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ވިސާ ދޫކުރަށް ފެށުމާ މެދު އެ ޤައުމުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.