މާލޭ ޢިއްޒުއްދީން ފާލަން ކައިރިއަށް ކަޅޮތެޔޮ އެޅުނު ސަބަބު ދެނެގަތުމަށްޓަކައި ސާމްޕަލް ނަގައި ޓެސްޓުކުރަން ފަށައިފިއެވެ.
ޢިއްޒުއްދީން ފާލަން ނުވަތަ މާލޭ ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މަޢުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމް.އާރް.ސީ.ސީއަށް ލިބުމާގުޅިގެން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފެށީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނަޢީމް ވިދާޅުވީ ރަސްމީ ފާލަން ކައިރިއަށް ކަޅޮތެޔޮ އެޅުނު ގޮތުގެ އޮއިލް ފިންގަރ ޕްރިންޓިން ނުވަތަ ތެޔޮ އެޅުނު ގޮތް ދެނެގަތުމަށްޓަކައި ސާމްޕަލް ނަގާފައިވާކަމަށެވެ. މިއީ ރާއްޖޭގައި މިގޮތަށް ތެލުގެ ސާމްޕަލް ނަގައިގެން ޓެސްޓްކުރާ ފުރަތަމަ ފަހަރެވެ.
އެގޮތުން ތެޔޮ އެޅިފައި ހުރި ސަރަޙައްދުންނާއި އެ ސަރަޙައްދު ބޭރުގައި އަޅާފައިވާ ބޯޓުތަކުންވެސް ސާމްޕަލް ނަގާފައިވާކަމަށް ނަޢީމް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ އޮއިލް ފިންގަރ ޕްރިންޓިން ނަގައިގެން ތެޔޮއެޅި ބަޔަކު ހޯދުމުގެ މަސައްކަތަކީ ރާއްޖޭގައި އަލަށް ކުރެވެ މަސައްކަތެއްކަމުން، އެކަން ދެނަގަތުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާކަމަށެވެ. އަދި ރާއްޖެއިން އެ ސާމްޕަލް ޓެސްޓް ނުކުރެވިއްޖެނަމަ ރާއްޖެއިން ބޭރަށް ފޮނުވައިގެންވެސް އެކަން ކުރާނެކަމަށް ނަޢީމް ވިދާޅުވިއެވެ. މިހާތަނަށް ބެލިބެލުމުން ބޮޑަށް ބެލެވެނީ މާލޭގެ ބޭރުގައި އަޅާފައި އޮންނަ ބޯޓުތަކުން އޮޔާ އައިސްފައިވާ ތެޔޮކަމަށްވެސް ނަޢީމް ވިދާޅުވިއެވެ.
"އޮއިލް ފިންގަރ ޕްރިންޓް ބޭނުންކޮށްގެން ތެޔޮ އެޅި ބަޔަކު މި ހޯދަނީ ރާއްޖޭގައި އަލަށް. ފިންގަރ ޕްރިންޓް ކުރުމަކީ ތެޔޮ ސްޕެކްޓްރޯމީޓަރ އާއި ގޭސްކްރޮމެޓިކްގްރަފީ ކިޔާ ސައިންޓިފިކް މެތަޑްތަކެއް ބޭނުންކޮށްގެން ކޮންމެ ތެލެެއް ވަކިން އައިޑެންޓިފައި ކުރުން. އެކަހަލަ އިޑިންޓިފިކޭޝަން މެތަޑްތަކެއް ހުނާނެ."އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނަޢީމް
ރަސްމީ ފާލަމާއި ދިމާލުން ފަޅުތެރެއަށް ގާތްގަނޑަކަށް 1000އަށް ވުރެ ގިނަ ލީޓަރުގެ ކަޅުތެޔޮ އެޅިފައިވާ ކަމަށް ލަފާކުރެވޭކަމަށް އެމް.އެން.ޑީ.އެފްއިން ވަނީ ވިދާޅުވެފައެވެ.
އަދި އެމްއެންޑީއެފް ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލެ އޭރިއާ ސިފައިން ގުޅިގެން ކަޅު ތެޔޮ ނެގުމުގެ މަސައްކަތް ނިންމާލީ އޭގެ 2 ދުވަސްފަހުން މިމަހުގެ 3 ވަނަ ދުވަހުގައެވެ. އެ ސަރަޙައްދުން 15 ފީފާގެ ތެޔޮ ވަނީ ނަގާފައެވެ.