ޚަބަރު

ފުލުހުންގެ އެންމެ އިސް ވާޖިބަކީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުން: ރައީސް


ފުލުހުންގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ހުންނަ ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި 34 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިވެހި ފުލުހުންގެ އެންމެ އިސް ވާޖިބަކީ ރައްޔިތުން ޙިމާޔަތްކުރުމާއި، ރައްޔިތުންނާއި ޤައުމަށް ޚިދުމަތްކުރުންކަމަށެވެ. އަދި އެ ޚިދުމަތުގެ އެންމެ މުހިއްމު ޒިންމާއަކީ ޤައުމެއްގެ ހަމަޖެހުމާއި، އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުންކަމަށެވެ.

ފުލުހުންނަކީ މުޖުތަމަޢުގެ އެއްބައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ފުލުހުންނާމެދު ރައްޔިތުން ވަރަށް ފޮނި އުއްމީދުތަކެއް ކުރާކަމަށެވެ. އަދި އެއީ މުޖުތަމަޢުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ޤާއިމުކޮށްދިނުންކަމަށާއި، އެ އުއްމީދު ޙަޤީޤަތަކަށް ހަދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ފުލުހުންނަށް ދެވޭ ތަމްރީނުތައްކަމަށެވެ. އެހެންކަމުން ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީންތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފުލުހުންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔަކަށްވާތީ، ފުލުހުންގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުންކަމަށެވެ.

"ފުލުހުންގެ ކޮންމެ އޮފިސަރަކީވެސް އެމީހުންގެ ވަޒީފާގެ މައްސޫލިއްޔަތު އަދާކުރުމުގައި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ ފުލުހަކަށްވުމަށް އަޅުގަނޑު އެދެން. ޒަމާނީ ތަމްރީންތަކާއެކު ފުލުހުންގެ ޚިދުމަތަށް ނިކުންނައިރު، އެ ޚިދުމަތްތައް ދެވޭނެ ވަޞީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިއްމުކަމެއް. ދިވެހި ފުލުހުނަށް ބޭނުންވާ އިންސާނީ ވަޞީލަތްތަކާއި، ޓެކްނޮލޮޖީގެ ވަޞީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް އެބަކުރެވޭ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޖުތަމަޢުގައި އުފެދޭ ނުރަނގަޅު އޮއިވަރުތަކުގެ ސަބަބުން ފުލުހުންނަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައްވެސް ގިނަކަމަށެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އޮތް ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން ދަނީ ވަރަށް ނަމޫނާ ދައުރެއްކަމަށެވެ.

"ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތް. އިންޓަޕޯލުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ބައިނަލްއަޤްވާމީ ސުލަހައާއި ހަމަޖެހުން ޤާއިމުކުރުމުގައި މުހިއްމު މަސައްކަތްތަކެއްކޮށް، އެހެން ޤައުމުތަކަށް މިސާލުދައްކަމުން" ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ފުލުހުންގެ ޚިދުމަތް ދެވޭނީ ކޮންމެ މުޖުތަމަޢުއެއްގައި ހުރި އެ ބަޔަކު އެންމެ ކަންބޮޑުވާ ކަންކަން ޙައްލުކުރުމަށް އަމާޒު ހިފައިގެންކަމަށެވެ. އަދި އަވަށްޓެރި ފުލުހުންގެ ނިޒާމުގެ ބޭނުމަކީވެސް އެއީކަމަށާއި، އެއީ ލާމަރުކަޒީ ނިޒާމުން ފުލުހުންގެ ޚިދުމަތް ދީގެން ކުށްމަދު އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތު ތަންފީޒުކުރުމަށްވެސް ފަސޭހަ ނިޒާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ކޮންމެ ދުވަސްވަރެއްގައިވެސް އެއިރެއްގެ ޙާލަތަށް ބަލާއިރު ގޮންޖެހުން ގިނަ ބުރަ މަސައްކަތެއްކަމަށެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިންސުރެއްވެސް މިއަދާޖެހެންދެންވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަތައްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކީވެސް ފުލުހުންގެ މަސައްކަތުގެ މުހިއްމު ބައެއްކަމަށާއި، މިކަންކަމާމެދު އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވެ، މިކަންކަމުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްވެސް މަގުފަހިވެގެންދާކަމަށެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އޮތް އެންމެ ނުރައްކާތެރި އެއްކަމަކީ ހަރުކަށި ފިކުރުގެ މައްސަލަތައްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ މީހުންގެ ވިސްނުންގޮސް ހުއްޓެނީ ޓެރެރިޒަމްގެ އަނގޮޅިއަށްކަމަށެވެ. އެ ވިސްނުމުގައި ތިބެގެން ނުރައްކާތެރި ބޮޑެތި ޖަރީމާތައް ހިންގުމުގެ ކުރިއަށް ފުލުހުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅަކީ ރައްޔިތުންނަށް ލިބޭ އިތުބާރާ ޔަޤީންކަންކަމަށާއި، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިއަދު އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.