ދިވެހިން ލޯ ހުޅުވި އެންމެ ބޮޑަށް ކަންކަން ބަލަހައްޓާ އެއްކަމަކީ ކުރިމަތިވާ އިންތިހާބުތަކެވެ. ކެމްޕެއިންތަކާއި އެ ކެމްޕެއިންތަކުގައި ހިންގާ ހަރަކާތްތަކެވެ. ކެނޑިޑޭޓުން ބުނާ ބަސްތަކާއި ކުރާ ވައުދުތަކެވެ. އަދި ވޯޓްލާ ދުވަހު ވޯޓްލާ މަރުކަޒާޢި ވޯޓްލާން ބޭނުންކުރާ ކަރުދާހާ އެތަނުގައި ބޭނުންކުރާ ގަލަން މީ އެއަށް ކަޅިއަޅާ ބަލާ ބަލާ ތިބޭ އެއްޗިއްސެވެ.
އަނެއްކާވެސް މިހާރު މިއޮތީ ރިޔާސީ އިންތިހާބެއް ބޯމަތިވެފައެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަދުވަހު ވޯޓްލުން އޮންނާނެކަން އިލެކްޝަނުން މިއަދު މިވަނީ އިއުލާންކޮށްފައެވެ. މިިދިޔަ އިންތިހާބުގައި ދެލި ފޮހެވޭ ގަލަމަކާއި ފަންސުރު އަނގޮއްޓިތަކެއްގެ ވާހަކަވެސް ވަރަށް ބޮޑަށް ދެކެވުނެއެވެ. އެހެންވީމާ ސުވާލުތައްވެސް އުފެދޭނެއެވެ.
އަންނަ އިންތިހާބަށް އިއުލާންކުރުމުންވެސް އެންމެ ގިނަ ސުވާލެއް އައީ ވޯޓްކަރުދާސްގެ ކޮލެޓީއާއި މެދުއެވެ. ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ވޯޓްކަރުދާސް ކޮޅު ހާ ކޮލިޓީ އަގު ބޮޑު ކާރުދާހެއް ގެންގުޅޭ ޤައުމެއް ނެތްކަމަށެވެ. ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފުވެ 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ އިންތިހާބުން ފެށިގެން ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ މި ކޮލިޓީގެ ކަރުދާހެވެ. އެހެންނަމަވެސް މި ބަދަލުކޮށްލުން ނުވަތަ ކޮލިޓީ ވައްޓާލަން ކޮމިޝަނަކަށްވެސް ނުކުރޭނެއެވެ. ފުއާދު ވިދާޅުވީ މި އަހަރުވެސް ވޯޓްކަރުދާހުގެ ކޮލެޓީއަށްވެސް އެއްވެސް ބަދަލެއް ނުގެންނާނެކަށެވެ. ސެކިއުރިޓީ ފީޗަރތަކާއި ދެން ހުރި އެއްޗެހިވެސް ހުންނާނެކަމުގެ ޔަޤީންކަން ފުއާދު ދެއްވިއެވެ.
މިއަހަރު އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ބަޖެޓްގައި ޖެހި އަދަދު ނުލިބެއެވެ. ކޮމިޝަނުން އެ އަދަދު ޖެހީ ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ ކުރާނެ ހަދަރުތަކާއިވެސް އެކުއެވެ. ބަޖެޓް އަދި މުޅިން ހަމަނުޖުހެނުނަމަވެސް ކަމެއް ޖެހިއްޖެނަމަ އެ ބަޖެޓެއް ސަރުކާރުން ދޭނެކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނަށް އެބައޮތެވެ.
މީގެކުރިން އިންތިހާބުތަކުގއި ބޭނުންކުރި ވޯޓް ކަރުދާސްކޮޅެއް ޗާކުކޮށްފައިވަނީ ކަރުދާސްކޮޅެއް 35 ރުފިޔާގެ މަގުންނެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި 2 ލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން ވޯޓްލިއެވެ. މިފަހަރުގެ އިންތިހާބުގައި 2 ލައްކަ 80 ހާހަށްވުރެ ގިނަ މީހުން ވޯޓްލުމުގެ ހައްޤުލިބެއެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކުރިން ކަރުދާސް ޗާޕުކުރަމުން އައި އަގަށްވުރެ މި ފަހަރުގެ އަގު ދެބައިކުޅަ އެއްބައި ކުޑަކޮށްފައިވާނެކަމަށެވެ. މިފަހަރު ވޯޓް ކަރުދާސްކޮޅެއް ޗާޕުކުރާނީ 18 ރުފިޔާއަށެވެ. ހިސާބުތައް ދެން ބަލާނީއެވެ.
ކޮންމެ އަކަސް އިންތިހާބުގެ ސައްހަކަމާއި މެދު ރައްޔިތުންގެ ހިތުގައި އެއްވެސް ސުވާލެއް އުފެދުނު ނުދޭން ކޮމިޝަނުން އެއްވެސްކަމެއް ކޮމްޕްރަމައިސް ކުރާކަށްނެތެވެ. ކުރާނީ ހަމަ ކުރިން ގޮތަށް އެ ކޮލިޓީގައެވެ.
އަންނަ އިންތިހާބު ކަންކަން ކުރިޔަށްދާނެ ޓައިމް ލައިނެއް އިލެކްޝަންސް އިން މިއަދު އާއްމުކުރިއެވެ. އެ ބުނާ ގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ނަން ހުށައެޅުމަށް ހުޅުވާލާނީ އަހަރު ދެބައިވާ ފަހުންނެވެ. މިހާރު އޮތް ގޮތުން ޖުލައި މަހުގެ 3 ވަނަދުވަހުއެވެ.
މިފަަހަރުގެ ހިސާބުތައް ދައްކާގޮތުން މި އަހަރު 21 ހާސް ޒުވާނުން އަލަށް ވޯޓްލާނެއެވެ. ބަހައްޓާ ވޯޓް ފޮށީގެ އަދަދު މިދިޔަ ރިޔާސީ އިންތިހާބަށްވުރެ 200 ފޮށި އިތުރުވާނެކަމަށް ލަފާކުރެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ، ރައްޔިތުން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދާއި މިހާރު 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިިކޮޅު ލީޑަރ ކުރީގެ ރައީސް އަބްދުﷲ ޔާމީންވަނީ އިއުލާންކުރައްވާފައެވެ. އަދި އެމްއެންޕީގެ ލީޑަރ މުހައްމަދު ނާޒިމާއި އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ޖުމްހޫރީ ޕާޓީގެ އިތުރުން އާއްމު އެހެން ދެ ބޭފުޅަކުވެސް ވަނީ ރިޔާސީ ރޭހަށް ނުކުންނަވާނެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.