ނޭޕާލުގައި ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި އެންމެން މަރުވިކަމަށް ބެލެވޭކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
ޖަނަވަރީ މަހުގެ 15ވަނަ ދުވަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއިން ޕޮކާރާއަށް ދަތުރުކުރި އޭޓީއާރު މަރުކައިގެ މަތިންދާބޯޓުން 72 މީހުން ދަތުރުކުރިއެވެ. އެ މަތިންދާބޯޓު ވެއްޓުނީ ޕޮކާރާއަށް ޖައްސަން ވަރަށް ގާތްވެފައިވަނިކޮށެވެ. ނޭޕާލުގެ ސަރުކާރުން ބުނީ މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ދިރިހުއްޓައި މީހަކު ފެނުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށެވެ. ނަމަވެސް މަތިންދާބޯޓުން ދަތުރުކުރި އެންމެންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާކަމަށްވެސް ނޭޕާލުގެ ސަރުކާރުން ބުނެފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަތިންދާބޯޓުން ދަތުކުރި 72 މީހުންގެ ތެރެއިން މަރުވެފައިވާ 68 މީހެއްގެ ހަށިގަނޑުވަނީ ފެނިފައެވެ، އެންމެ 27 މިނިޓުގެ އެ ފުލައިޓުގައި ދަތުރުކޮށްފައިވަނީ ނޭޕާލަށް ނިޞްބަތްވާ 57 މީހުންނާއި އިންޑިޔާގެ ފަސް މީހުންނާއި ރަޝިޔާގެ ހަތަރު މީހުންނާއި ދެކުނު ކޮރެޔާގެ ދެ މީހުންނާއި އާޖެންޓީނާއާއި އަޔަލޭންޑާއި ފަރަންސޭސިވިލާތާއި އޮސްޓުރޭލިޔާއިން މީހެކެވެ.
ނޭޕާލުގެ އަމިއްލަ ކުންފުންޏަކުން ހިންގައި ޔެޓީ އެއަރލައިނުގެ އޭޓީއާރު މަރުކައިގެ މަތިންދާބޯޓު ވެއްޓުނު ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް މަތިންދާބޯޓު ވެއްޓުމުގެ ކުރިން އޭގެ ފިޔަގަނޑެއްގައި އަލިފާން ރޯވިކަންވަނީ ކަށަވަރުކުރެވިފައެވެ. ނޭޕާލުގެ ސަރުކާރުން ބުނެފައިވަނީ މަތިންދާބޯޓުގެ ކަޅުފޮށިތައް ހޯދައިފައިވާކަމަށާއި އޭގެ މަޢުލޫމާތުތައް ތަޙުޤީޤުކުރަމުންދާކަމަށެވެ.
2000ވަނަ އަހަރުގެ ފަހުން ނޭޕާލުގައި ހިނގި ވައިގެ ޙާދިޘާތަކުގައި 350އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.