ޚަބަރު

ޔަހޫދީންގެ ހަމަލާތަކެއްގައި ފަލަސްޠީނުގެ ދެ ޒުވާނުން ޝަހީދުކޮށްލައިފި


ހުޅަނގު އައްސޭރިއަށް ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން އަރައި ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ ދެ މީހަކު ޝަހީދުކޮށްލައިފިއެވެ. ފަލަސްޠީނުގެ ދެ މުސްލިމުން ޝަހީދުކޮށްލާފައި ވަނީ ހުޅަނގުގެ އައްސޭރީގެ ޖިނީންގެ ދެކުނުން އޮންނަ ޖަބާ ކިޔާ އަވަށަކަށް އަރައި ޔަހޫދީންގެ ސިފައިން ހިންގި އުދުވާންތަކެއްގައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ދެ ޒުވާނުން ޝަހީދުކޮށްލާފައި ވަނީ އެ މީހުންގެ ގަޔަށް ބަޑިޖަހައިގެން ކަމުގައެވެ. ނަމަވެސް، އެއީ އިސްލާމިކް ޖިހާދުގެ ދެ މުޖާހިދުން ކަމުގައި އެ ޖަމާޢަތުން ވަނީ ބުނެފައެވެ. ޝަހީދުކޮށްލާފައި ވަނީ 24 އަހަރުގެ ޢިއްޒުންދީން ބައްސާމް ޙަމަމްރާއާއި 23 އަހަރުގެ އަމްޖަދު އަދުނާން ޚަލީލިއްޔާއެވެ. އެ ދެ މީހުން ޝަހީދުކޮށްލުމަށް ދީފައިވާ ހަމަލާތައް އިސްލާމިކް ޖިހާދުން ވަނީ ކުށްވެރިކޮށްފައެވެ.

ޔަހޫދީންގެ ސިފައިން އެ މީހުންނަށް ހަމަލާދީފައި ވަނީ، ފަލަސްޠީނުގެ މުޖާހިދުންތަކެއް ގަތުލުކުރަން ހިންގި އޮޕަރޭޝަނެއް ހުއްޓުވަން މަސައްކަތް ކުރުމުން ކަމުގައި އިސްލާމިކް ޖިހާދުން ބުންޏެވެ. ޔަހޫދީންގެ ދަޢުލަތުގެ ހަތިޔާރުއެޅި ޖައްބާރު ސިފައިން ބުނީ އެ މީހުން މަސައްކަތް ކޮށްފައި ވަނީ ޓެރެރިޒަމްގެ އަމަލުތަކެއް ހުއްޓުވަން ކަމުގައެވެ.

އިސްލާމިކް ޖިހާދުން ބުނީ ދެ ޒުވާނުންށް ޝަހީދުކޮށްލާފައި ވަނީ އެ ދެ މީހުން ދަތުރުކުރަމުންދިޔަ ކާރަށް ދިން ބަޑީގެ ހަމަލާތަކެއްގައި ކަމުގައެވެ. މި މަހުގެ ކުރީކޮޅު ވެސް ޔަހޫދީންގެ ސިފައިން ފަލަސްޠީނުގެ 19 އަހަރުގެ ޒުވާނެއް ކަމުގައިވާ ޔާޒިން ސާމިރު ޖާބަރީ ޝަހީދުކޮށްލާފައެވެ.

ޝަހީދުވީ ޖަނަވަރީ 2 ވަނަ ދުވަހު ޔަހޫދީންގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އޭނާއަށް ދިން ބަޑީގެ ހަމަލާތަކެއްގައި ލިބުނު ޒަޚަމުތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ޖިނީން ކައިރީގައި އޮންނަ ކަފްރު ދާންގައި ދިން ހަމަލާތަކުގައި ފަލަސްޠީނުގެ އިތުރު ދެ މީހަކު ވެސް ޝަހީދުކޮށްލާފައިވެއެވެ.

ޔަހޫދީންގެ ޖައްބާރު ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި މި އަހަރުގެ މިހާތަނަށް ފަލަސްޠީނުގެ 12 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި، ހުސްވި 2022 ވަނަ އަހަރު ޔަހޫދީންގެ އުދުވާންތަކުގައި ޝަހީދުވެފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު 200 އަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރެއިން 150 އަށް ގިނަ މީހުން ޝަހީދުކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގައެވެ.