ޚަބަރު

މިހިންގާ މަޝްރޫޢުތަކަކީ ކޮންމެ 5 އަހަރަކުން އަލުން ކުރަންޖެހޭނެ ކަންތައްތަކެއް ނޫން: ރައީސް


މިސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަކީ ކޮންމެ ފަސް އަހަރަކުން އަލުން ކުރަންޖެހޭނެ ކަންތައްތަކެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށީގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ރަށެއްގައި ދިރިއުޅުނު ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭނެ އަސާސީ ޚިދުމަތްތަކެއް ހުންނާނެކަމަށެވެ. އެހެންކަމުން އެކަން މި ސަރުކާރުން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައްޔިތުން ބޭނުންވާ ދިރިއުޅުން ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަމަށާއި، އެ ޚިދުމަތްތަކާއި މަޝްރޫޢުތަކުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ރައިސް ދެއްވިއެވެ.


ރައީސްގެ ވާހަކަފުޅުގައި މިސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައިވެސް ހިންގަމުން އަންނަ މަޝްރޫޢުތަކަކީ ރަނގަޅަށް ޕްލޭންކޮށް، އެކަމަށް ބޭނުންވާ ފައިސާވެސް ހޯދައިގެން ހިންގާ މަޝްރޫޢުތަކެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދުރު މުސްތަޤްބަލަށް ވިސްނައިގެން ހިންގާ މަޝްރޫޢުތަކެއްކަމަށާއި، މިސަރުކާރުގެ އެއްވެސް މަޝްރޫޢުއަކީ ކޮންމެ ފަސްއަހަރަކުން އަލުން ކުރަންޖެހޭނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ މަޝްރޫޢުއަކީ ކުރިއަށް އޮތް 20 ނުވަތަ 30 އަހަރު އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަޝްރޫއުތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ހޯރަފުށީގެ ތަރައްޤިއަށްވެސް، އަދި ތުރާކުނާ އުލިގަމުގެ ތަރައްޤީއަށްވެސް އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ތަރައްޤީގެ ޕްރޮޖެކްޓްތަކަކީ ރަނގަޅަށް ޕްލޭންކުރެވި ފައިސާ އެކަމަށް ހޮދައި ރޭވުންތެރިކަމާއެކު ދުރަށް ވިސްނައިގެން ކުރާ ކަންތައްތައް. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތަކީ ފަސްއަހަރުން ފަސްއަހަރުން އަލުން ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް ނޫން. އޭރުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ މާ ބޮޑުވެގެންދާނެ. އަބަދުވެސް ތިބެންޖެހޭނީ ބަނދަރެއް ހަދަހަދާ. އަބަދުވެސް ތިބެންޖެހޭނީ އިންޖީނުގެއަށް އިންޖީނު ނުގެނެވިގެން." ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން މިދިޔަ 4 އަހަރު ތެރޭގައި 19 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔަކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.