ޚަބަރު

ޔަމަނުގެ ޞުލްޙައިގެ އެއްބަސްވުން އައުކުރަން މަޝްވަރާކުރަނީ


ޔަމަނުގެ ދާޚިލީ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓައިލާ، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ހަދާފައިވާ އެއްބަސްވުން އައުކުރުމާ ގުޅޭ ގޮތުން އަނެއްކާ ވެސް މަޝްވަރާކުރަން ފަށައިފިއެވެ. ޔަމަނުން އ.ދ.އިން ޔަމަނުގެ މައްސަލައަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާންސް ގްރަންޑްބަރގް ވިދާޅުވީ، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މަޝްވަރާތަކާ މެދު ހިތްހަމަޖެހޭ ކަމުގައެވެ.

ނަމަވެސް، ޔަމަނުގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމުގައި އޭނާ ވިދާޅުވިއެވެ. "ހުރިހާ ފަރާތަކުން ވެސް ދަނީ އެއްބަސްވުމަށް އިޙުތިރާމު ކުރަމުން. މިއީ ރަނގަޅު ފާލެއް. ނަމަވެސް، ކުޑަ ނަމަވެސް ލޮޅުމެއް އަރައިފިނަމަ، ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ މަސްރަޙު އިތުރަށް ގޯސްވެގެންދާނެ. އަދި އިތުރު ހަމަނުޖެހުންތަކެއް ފެށިގެންދާނެ،" ގްރަންޑްބަރގް ވިދާޅުވިއެވެ.

ހަމަލާ ބަދަލުކުރުންތައް އަލުން ފަށައިފި ނަމަ، އެ ކަން ކޮންޓްރޯލް ކުރަން ދަތިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޔަމަނުގެ ސަރުކާރު ފައުޖުތަކާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ހަދާފައިވާ ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތު 2022 އޮކްޓޫބަރު 2 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އަދި، ޔަމަނުގެ ހާލަތު އަދި އޮތީ ސުލްޙަވެރިކޮށް ކަމުގައި އ.ދ.ގެ ސަލާމަތީ މަޖިލީހާ މަޢުލޫމާތު ހިއްސާ ކުރައްވަމުން ގްރަންޑްބަރގް ވިދާޅުވިއެވެ.

ނަމަވެސް، ދޭތެރެދޭތެރެއިން ހަމަލާ ބަދަލުކުރުންތައް ފެށޭ ކަމަށާއި، ހަމަނުޖެހުންތަކުގައި ޢާންމުންގެ ފުރާނަ ގެއްލެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ހަމަލާ ބަދަލުކުރުންތައް ޢާންމު ގޮތެއްގައި ހުއްޓައިލާފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް އަމާޒު ކުރަމުންދާ ކަމަށާއި، އެ ފަދަ އަމަލުތަކުގެ ސަބަބުން އިތުރު ހަމަނުޖެހުންތަކަށް ފުރުޞަތު ހުޅުވިގެންދާ ކަމުގައި ވެސް އޭނާ އިންޒާރު ކުރެއްވިއެވެ.

އަދި، ޔަމަނުގައި ސުލްޙަ ގާއިމުކުރަން ކުރަމުންދާ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރަމުންދާ ސަޢޫދީ ޢަރަބިއްޔާއާއި އުމާނުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުން ރަނގަޅު ނާތީޖާތަކެއް ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށުނީ 2014ވަނަ އަހަރު ހޫޘީން އެ ޤައުމުގެ ވެރިރަށް ސަނާއަށް އަރައި، އެ ރަށް ހިފުމާ ގުޅިގެންނެވެ. އެއާ އެކު، ސަޢޫދީ ޢަރަބިއްޔާއިން ވަނީ ގުޅިފައިވާ ފައުޖެއް އެކުލަވައިލާ، ސަނާ މިނިވަން ކުރުމަށް ޔަމަނުގެ ސަރުކާރާ އެކު ގުޅިގެން މަސައްކަތް ފަށާފައެވެ. ހޫޘީންނަކީ ޝީޢީ މަޒުހަބުގެ ހަނގުރާމަވެރި ޖަމާޢަތެކެވެ.

މި ހަނގުރާމައިގައި އެތަކެއް ހާސް ބަޔަކު މަރުވެފައި ވީ ނަމަވެސް، އެ އަދަދު ސާފުކޮށް އެނގޭކަށް ނެތެވެ. މި ހަނގުރާމައާ ގުޅިގެން ޢަރަބި ދުނިޔޭގެ އެންމެ ފަގީރު ޤައުމު ކަމުގައިވާ ޔަމަނުގެ ރައްޔިތުންނަށް އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ.