ޚަބަރު

ސްވިޑެންގައި މުޞްޙަފެއް ރޯކޮށްލި މައްސަލަ ހޫނުވެ، މުސްލިމް އުންމަތުގެ ނުރުހުން އަމާޒުވެއްޖެ


ސްވިޑެންގެ ސިޔާސީ މީހެއް ކަމުގައިވާ ރާސްމަސް ޕަލުޑެން މުޞްޙަފެއްގައި ރޯކޮށްލި މައްސަލަ ހޫނުވެ، އެ ޤައުމަށް މުސްލިމް އުންމަތުގެ ނުރުހުން އަމާޒުވެއްޖެއެވެ. މުޞްޙަފުގައި ރޯކުރި މައްސަލައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އާއި ތުރުކީވިލާތުގެ އިތުރުން މުސްލިމް ޖަމުޢިއްޔާތައް ކަމުގައިވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯ.އައި.ސީ)އާއި ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ހިމެނެއެވެ.

ޕަލުޑެން މުޞްޙަފެއްގައި ރޯކޮށްލައި، މުސްލިމުންނާއި އިސްލާމީ އުންމަތަށް ފުރައްސާރަކޮށްފައި ވަނީ، ސްވިޑްންއިން ނޭޓޯގެ މެންބަރު ޤައުމަކަށްވުމަށް ކުރަމުންދާ މަސައްކަތަށް ތުރުކީވިލާތުން ހުރަސްއަޅާކަމަށް ތުހުމަތުކޮށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މި މުޒާހަރާ ބާއްވާފައި ވަނީ، ސްޓޮކްހޯމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައެވެ.

ޕަލުޑެން މުޒާހަރާ ބާއްވާފައި ވަނީ ސްވިޑްންގެ ފުލުހުންގެ އިދާރާއިން ހުއްދަ ހޯދައިގެންނެވެ. އިސްލާމް ދީނަށާއި މުސްލިމް އުންމަތަށް ފުރައްސާރަކުރުމުގެ ނިޔަތުގައި މި ފަދަ މުޒާހަރާއެއް ބާއްވަން ހުއްދަ ދިނުމުން ސްވިޑްންގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި، މުސްލިމް އުންމަތުން ދަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.

މި މައްސަލައިގައި ނުރުހުން ފާޅުކުރުމުގެ ގޮތުން ތުރުކީވިލާތުން ވަނީ، ސްވިޑްންގެ ދިފާޢީ ވަޒީރު ޕެލް ޖޯންސަން އެ ޤައުމަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރެއް ވެސް ކެންސަލްކޮށްފައެވެ. ތުރުކީވިލާތުން ބުނީ، ސްޓޮކްހޯމްގައި ހިންގާފައިވާ އިސްލާމް ދީނާ ދެކޮޅު އަމަލުތަކުގެ ސަބަބުން، އެ ދަތުރުގެ ބޭނުން ކެނޑިފައިވާ ކަމުގައެވެ. އަދި، ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކުރުމުގެ މާނައެއް ނެތް ކަމުގައެވެ.

މިއީ، މުޞްޙަފުގައި ހުޅުޖެހުމަށް ޕަލުޑެން ގޮވައިލާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ވެސް އޭނާ ވަނީ މުޞްޙަފުތަކުގައި ހުޅުޖެހުމަށް ގޮވައިލާ، އެ ކަމަށް ޚާއްޞަކޮށްގެން ޓުއަރއެއް އިންތިޒާމުކުރަން މަސައްކަތް ކޮށްފައެވެ. އެ ފަހަރު ވެސް، މުސްލިމް އުންމަތުގެ ނުރުހުން ސްވިޑްންއަށް އަމާޒުވެގެން ދިޔައެވެ. މުޞްޙަފުގައި ހުޅުޖަހައި މުސްލިމުންނަށް ފުރައްސާރަ ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައި އޭނާ ޤަބޫލުކުރެއެވެ.

ޕަލުޑެންގެ އަމަލުތަކާ ގުޅިގެން އޯ.އައި.ސީ.އިން ބުނީ، އެއީ އިސްލާމް ދީނާއި މުސްލިމް އުންމަތަށް ފުރައްސާރަ ކުރުމުގެ ގޮތުން ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމުގައެވެ. އަދި، މިއީ މުސްލިމުންނާ ދެކޮޅަށް ބައެއް ޤައުމުތަކުގައި ހިންގަމުންދާ އަމަލުތައް ހާމަވެގެންދާ އަމަލެއް ކަމަށާއި، މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމަށް ހިންގާފައިވާ އަމަލެއް ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.

ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މި ފަދަ އަމަލުތައް ހުއްޓުވަން ސްވިޑްންއަށް ގޮވައިލާފައެވެ. އަދި، މަޝްވަރާގެ ރިވެތި އުސޫލުގެ ދަށުން މައްސަލަތައް ހައްލު ކުރުމަށް ބާރުއަޅާ ކަމަށާއި، އެހެން ދީންތަކުގެ މީހުންނާ އެކު ގުޅިގެން ސުލްޙަވެރިކަމާ އެކު ދިރިއުޅުނުގެ ހައްޤު އެންމެންނަށް އޮންނަންވާނެ ކަމުގައި ވެސް އެ ޤައުމުން ބުންޏެވެ.

ޔޫ.އޭ.އީ.އިން ބުނީ، ސުލްޙަމަސަލަސްކަން ނަގައިލަން ހިންގާ މި ފަދަ އަމަލުތައް ކުށްވެރިކުރާ ކަމުގައެވެ. އަދި، އިންސާނީ ކަރާމާތަށް ބުރޫއަރާފަދަ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށް ވެސް އެ ޤައުމުން ބުންޏެވެ. ޖީ.ސީ.ސީ.އިން ވެސް ވަނީ ސްވިޑްންގައި ހިންގާފައިވާ އަމަލުތައް ކުށްވެރިކޮށްފައެވެ.

މުސްލިމް އުންމަތުގެ ނުރުހުން އަމާޒުވުމާ ގުޅިގެން ސްވިޑްންގެ ޚާރިޖީ ވަޒީރު ޓޮބަޔަސް ބިލްސްޓްރޮމް ވިދާޅުވީ، އިސްލާމުންނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމުގައެވެ. އަދި، ސްވިޑްންއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުރުޞަތު ދޭ ޤައުމެއް ކަމަށާއި، ނަމަވެސް ޚިޔާލު ފާޅުކުރުމުގެ ނަމުގައި ހިންގާ ހުރިހާ އަމަލަކީ ސްވިޑްންގެ ސަރުކާރުން ބަލައިގަންނަ އަމަލުތަކެއް ނޫން ކަމުގައެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ، ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި ޕަލުޑެން މުޒާހަރާ ކޮށްފައި ވަނީ ފުލުހުންގެ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަމާ އެކުގައި ކަމެވެ. މި ކަމާ ދެކޮޅަށް، ތުރުކީވިލާތަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވެސް ވަނީ ސްޓޮކްހޯމްގެ މަގުތަކުގައި މުޒާހަރާކޮށްފައެވެ.