ރާއްޖޭގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ކުންފުންޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއެވެ. އެމް.ޓީ.ސީ.ސީއިން އެއްގަމާއި ކަނޑުދަތުރުފަތުރުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނައިރު، މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި ޚިދުމަތަކަށް ހެދުމަކީ އެކުންފުނީގެ މުހިއްމު އަމާޒެކެވެ.
ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ތިމާވެއްޓަށް ގެއްލުން ދޭ ވިހަ މާއްދާތައް ދުނިޔޭގެ ޖައްވަށް އެންމެ ގިނައިން ދޫކުރާ ސިނާޢަތްތަކުގެ ތެރޭގައި ދަތުރުފަތުރުގެ ސިނާޢަތާއި، ހަކަތައިގެ ދާއިރާގެ އިތުރުން ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ ކާރުޚާނާތައް ހިމެނެއެވެ. ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، ދުނިޔޭގެ ނިސްބަތުންވެސް ޖައްވަށް ވިހަ މާއްދާތައް ޤައުމުތަކުން ދޫކުރާ މިންވަރުގެ ތެރޭގައި ރާއްޖެއިން ހިއްސާކުރާ މިންވަރު ކުޑަނަމަވެސް، މިފަދަ ކަންކަމުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
އަޅުގަނޑުމެން ވަށައިގެން މިވާ ނާޒުކު ތިމާވެއްޓަށް މިވީ 20 އަކަށް އަހަރުގެ ތެރޭގައި އެކަނިވެސް ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އައިސް، ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އާދަޔާ ޚިލާފަށް ގިނައިން އުދައެރުމާއި، ރަށްގިރުންފަދަ ކަންކަން ކުރިމަތިނުވާ ރަށެއް މިހާރު ރާއްޖޭގައިވެސް ނެތޭ ބުނުމަކުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އެހެންކަމުން މިއީ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ބޮޑު މައްސަލައެކެވެ.
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ތަޞައްވުރެއް އެބައޮތެވެ. އެއީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެކީ ނެޓް-ޒީރޯ ޤައުމަކަށް ހެދުމެވެ. މާނައަކީ ތިމާވެއްޓަށް ގެއްލުންވާފަދަ ވިހަ މާއްދާތައް ޖައްވަ ދޫކުރުން އެއްކޮށް ހުއްޓާލާ ޤައުމަކަށް ހެދުމެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި ސިނާޢީ ބޮޑެތި ކާރުޚާނާތަކާއި ފެކްޓްރީތަކެއް ނުހިންގައެވެ. މިފަދަ ވިހަ މާއްދާތައް ރާއްޖޭގައި އާއްމުކޮށް ދޫކުރަނީ ހަކަތައިގެ ދާއިރާއާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިންނެވެ.
ހަކަތައިގެ ދާއިރާއިން ކުރެވޭ އިސްރާފުކުޑަކޮށް، މި ދާއިރާ ތިމާވެއްޓާ ރައްޓެހި ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިވަގުތުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު ޕްރޮޖެކްޓްތައް ދަނީ ހިންގަމުންނެވެ.
އެހެންނަމަވެސް ދަތުރުފަތުރުގެ ދާއިރާއަކީ މިއީ ތިމާވެއްޓާ ރައްޓެހި ދާއިރާއަކަށް ހެދުމަށް މީގެކުރިން މާބޮޑު ސަމާލުކަމެއް ދެވިފައެއްނެތެވެ.
ރާއްޖޭގައި އާއްމު ދަތުރުފަތުރުގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާ އެންމެ ޒަމާންވީ ކުންފުންޏަކީ އެމް.ޓީ.ސީ.ސީއެވެ. މާލޭ ސަރަޙައްދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުންއައި ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީއަށް ބަދަލުކުރުމާއެކު ގްރޭޓަރ މާލޭ ސަރަޙައްދުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއިން ދިޔައީ ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި ޚިދުމަތަކަށް ބަދަލުކުރުމަކީ ސަރުކާރާއި، އެ ކުންފުނީގެވެސް މުހިއްމު އަމާޒެކެވެ. އެގޮތުން ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލް، އީވީ ބަސްތަކެއް އެމް.ޓީ.ސީ.ސީން ރާއްޖެ ގެނައީ މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މިފަދަ 6 ބަސް އެމް.ޓީ.ސީ.ސީން ގެނެސްފައިވެއެވެ. މި ބަސްތައް ޚިދުމަތަށް ނެރެ ބޭނުންކުރަން ފެށީވެސް ތިމާވެށީގެގޮތުން ޚާއްސަކަމެއް ދެވިފައިވާ ވިލިމާލޭގައެވެ.
ވިލިމާލޭގައި މިނީބަހުގެ ޚިދުމަތް މިމަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް ދޭން ފަށާފައިވާއިރު، ފުރަތަމަ 2 ހަފްތާ ޚިދުމަތް ފޯރުކޮށްދޭނީ މުޅިން ހިލޭއެވެ. ބޭނުމަކީ އާއްމު ރައްޔިތުން ބަހުގެ ޚިދުމަތަށް އަޙުލުވެރިކޮށް، ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި އާއްމުންގެ ޚިޔާލާ އެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޚިދުމަތް އިތުރަށް ފުރިހަމަކުރުމެވެ.
ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ޓްރާންސްޕޯޓް މެނޭޖަރ ޢަބްދުﷲ ފާރިޝް ޙުސެއިން ވިދާޅުވީ، އެކުންފުނިން ބަހުގެ ޚިދުމަތުގައި ބޭނުންކުރާ ޑީސެލް ބަސްތަކާ ޚިލާފަށް، މި ބަސްތައް އަޑު މަޑުވާނެކަމަށެވެ. އަދި މިއީ ކަރަންޓު ބޭނުންކޮށްގެން ރީ-ޗާރޖް ކުރާ ބަސްތަކެއްކަމުން، މި ބަސްތައް ދަތުރުކުރާއިރު، ޑީސެލް ނުވަތަ އެއްވެސް ކަހަލަ ފޮސިލް ފިއުލެއް ނާންދާނެކަން ފާރިޝް ފާހަގަކުރެއްވިއެވެ.
"ޖުމްލަ ފުލް ޗާރޖަކުން އެއް ބަސް އަޅުގަނޑުމެންނަށް ރަން ކުރެވޭނެ 100 އާއި 150 ކިލޯމީޓަރު. އެއީ ވިލިމާލެއަށް ބަލާނަމަ 2 ދުވަހާއި 3 ދުވަހުގެ ރޭންޖެއް. ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި ރަށެއް. މިއީ އެތަނާ ވަރަށް ބޮޑަށް ރައްޓެހި ވެހިކަލެއް. އެއްވެސް ކަހަލަ އެމިޝަނެއް ނީންނާނެ ރަށުތެރެއަށް މި ބަސްތައް ދުއްވާފައި ދާއިރު" ފާރިޝް ވިދާޅުވިއެވެ.
ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް އެމް.ޓީ.ސީ.ސީއިން ބޭނުންކުރަމުންދަނީ 15 މީހުންގެ ޖާގައިގެ އީވީ ބަސްތަކެކެވެ. މި ބަސްތައް ދަތުރުކުރުމަށް ވިލިމާލޭގެ 1.52 ކިލޯމީޓަރުގެ ރޫޓެއް ކަނޑައަޅާފައިވާއިރު، 10 ސްޓޮޕަކަށް ބަސްތައް މަޑުކުރާނެއެވެ. މި ޚިދުމަތް ކޮންމެ ދުވަހަކުވެސް ފަތިހު 5:35 އިން ދަންވަރު 12 އާއި ހަމައަށް ލިބިގެންދާނެއެވެ. ފުރަތަމަ 2 ހަފްތާ ހިލޭ ކަސްޓަމަރުންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ ޚިޔާލާ މަޝްވަރާއާއެކު ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.
ކޮންމެއަކަސް ވިލިމާލޭގައި ދޭން ފެށި މިނީ ބަހުގެ ޚިދުމަތާއެކު އެމް.ޓީ.ސީ.ސީއަށް ލިބިގެންދާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މާލޭގެ ހުރިހާ އަވަށްތަކަކަށް ފެންވަރު ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތެއް ހެޔޮއަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވުންކަން އެކުންފުނިން ފާހަގަކުރެއެވެ. އަދި ވިލީމާލޭގައި ބޭނުންކުރަން ފެށި އީވީ ބަސްތަކަކީ، މިއީ ދަތުރުފަތުރުގެ ދާއިރާއަކީ ތިމާވެއްޓާ ރައްޓެހި ދާއިރާއަކަށް ހެދުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއްގެގޮތުގައިވެސް އެކުންފުނިން ވިދާޅުވެއެވެ.