ޚަބަރު

ޔޫކްރެއިނުގެ ހަމަލާތަކުގައި ބެލްގޮރޮޑްގެ 25 މީހުން މަރުވެއްޖެ


މީގެ 11 މަސްކުރިން ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުން ރަޝިޔާގެ ސަރަޙައްދެއް ކަމުގައިވާ ބެލްގޮރޮޑަށް ދިން ހަމަލާތަކުގައި އެ ރަށުގެ ޢާންމުންގެ 25 މީހުން މަރުވެފައިވާ ކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިނުން ބެލްގޮރޮޑަށް ދިން ހަމަލާތަކުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ޢާންމުން ޒަޚަމުވެފައިވާ ކަމުގައި ވެސް ސަރަޙައްދީ ގަވަރުނަރު ވިޔަޗެސްލާވް ގްލެޑްފޮކް ވިދާޅުވިއެވެ.

އޭނާ ވަނީ، ޔޫކްރެއިނުގެ ހަމަލާތަކުގެ މަޢުލޫމާތު ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ހިއްސާ ކުރައްވާފައެވެ. ވިދާޅުވީ، ޔޫކްރެއިނުން ދީފައިވާ ހަމަލާތަކުގައި ބެލްގޮރޮޑުގެ ޢާންމުންގެ 96 އަށް ވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށާއި، ޢާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.

މިއީ، 2022 ފެބުރުވަރީ 24 ގައި ހަނގުރާމަ ފެށި ފަހުން، ބެލްގޮރޮޑުގައި މަރުވެފައިވާ މީހުންގެ ޢަދަދުތައް ރަޝިޔާއިން ހާމަކޮށްފައިވާ ފުރަތަމަ ފަހަރެވެ. ގްލެޑްކޮފް ވިދާޅުވީ ޔޫކްރެއިނުގެ ހަމަލާތަކާ ގުޅިގެން ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ އަވަށްތަކުގައި ދިރިއުޅޭ 6,500 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމަށާއި، އޭގެތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ރެފިޔުޖީންނަށް ވެފައިވާ ކަމުގައެވެ.

ޕުޓިން ވަނީ، ބެލްގޮރޮޑުގައި ހަމަޖެހުން ގާއިމުކުރުމަށް ގްލެޑްކޮފް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމާއެކު، ބަދަލު ހިފުމުގެ ގޮތުން ޔޫކްރެއިނުން ވެސް ވަނީ ދޭތެރެދޭތެރެއިން ސަރަޙައްދީ ރޮނގު ހުރަސްކޮށް އެ ޤައުމާ އިންވެގެން އޮންނަ ރަޝިޔާގެ ބެލްގޮރޮޑަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ރަޝިޔާއިން ބުނީ، ސަރަޙައްދީ ރޮނގު ހުރަސްކޮށް، އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާތައް ދެމުންދާ ކަމުގައެވެ. މީގެ ތެރޭގައި އަސްކަރީ ވައިގެބަނދަރުތައް ވެސް ހިމެނެއެވެ. ނަމަވެސް، ޔޫކްރެއިނުން ފާޅުގައި އެ ހަމަލާތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އަދި، ސަރަޙައްދީ ރޮނގު ހުރަސްކޮށް ދޭ އެއްވެސް ހަމަލާއެއްގައި އެމެރިކާއާއި ހުޅަނގުން ފޯރުކޮށްދީފައިވާ ހަތިޔާރު ބޭނުންކުރުން ވެސް ޔޫކްރެއިނަށް އޮތީ މަނާކޮށްފައެވެ.

ޔޫކްރެއިނުން ދެމުންދާ ކަމަށް ބުނާ ހަމަލާތަކާ ގުޅިގެން ރަޝިޔާއިން ވަނީ ބެލްގޮރޮޑްގެ އިތުރުން އެ ސަރަޙައްދުގައި އޮންނަ ކަރސްކްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ގްލެޑްކޮފްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޕުޓިން ވަނީ ރަޝިޔާގެ އަސްކަރިއްޔާއަށް ވެސް ތަޢުރީފު ކުރައްވާފައެވެ. ވިދާޅުވީ، ދުނިޔޭގެ އެންމެ ބާރުގަދަ ވައިގެ ދިފާޢީ ނިޒާމު އޮތީ ރަޝިޔާ އަތުގައި ކަމުގައެވެ.