ޚަބަރު

ޖަޕާން ކައިރިއަށް އާގުބޯޓު ފެތުނު ހާދިސާގައި މަރުވި މީހުންގެ އަދަދު ދެއަކަށް އަރައިފި


ޖަޕާނުގެ ހުޅަނގުދެކުނު ކަނޑަށް މުދާއުފުލާ އާގުބޯޓެއް ފެތުނު ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައިވާ ކަން ކަށަވަރުވެއްޖެއެވެ. މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އަދިވެސް ނުވަ މީހަކު ނުފެންނަ ކަމަށް ޖަޕާނުގެ ކޯސްޓްގާޑުން ބުނެއެވެ.

އެ މީހުން ހޯދުމަށް ޖަޕާނުގެ ކޯސްޓްގާޑާއި އަސްކަރީ އުޅަނދުފަހަރުން ކުރަމުންދާ މަސައްކަތްތަކުގައި ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، އަމިއްލަ ކުންފުނިތަކުގެ ބޯޓުތަކުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާ ހިނގާފައި ވަނީ ޖަޕާނުގެ ހުޅަނގުދެކުނުގައިވާ ފަޅުރަށެއް ކަމުގައިވާ ޑެންޖޯ އައިލެންސްގެ އައްސޭރިފަށުގެ ހިސާބުގައެވެ. ފެތިފައި ވަނީ ޖިން ޓިއާންގެ ނަން ދީފައިވާ ހޮންގް ކޮންގުގައި ރެޖިސްޓްރީކޮށްފައިވާ އާގުބޯޓެކެވެ.

ބޯޓު ފެތުނު ވަގުތު އޭގައި 22 ފަޅުވެރިން ތިބި ކަމަށާއި، އޭގެ ތެރެއިން 13 މީހަކު މިހާތަނަށް ސަލާމަތް ކުރެވިފައިވާ ކަމުގައި ޖަޕާނުގެ ކޯސްޓްގާޑުން ބުނެއެވެ. ޖަޕާނުގެ ކަނޑުގެ ސަރަޙައްދަށް ފެތިފައި ވަނީ 6,651 ޓަނުގެ މުދާ އުފުލާ އާގުބޯޓެކެވެ. އެ ބޯޓުގެ ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޗައިނާގެ 14 ރައްޔިތުންނާއި މިޔަންމާގެ އަށް މީހުންނެވެ.

ބޯޓު ފެތުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ބޯޓުގެ ކެޕްޓަން ވަނީ ސެޓެލައިޓް ފޯނެއް މެދުވެރިކޮށް، ބޯޓު ފެތެމުންދާ ކަމުގެ މަޢުލޫމާތު ދެކުނު ކޮރެޔާގެ ކޯސްޓްގާޑާ ހިއްސާކޮށްފައެވެ. އެއީ، ޖަނަވަރީ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތު ކަމަށް ދެކުނު ކޮރެޔާގެ ކޯސްޓްގާޑުން ބުނެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ ޖަޕާނުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. އާގުބޯޓު ފެތުނު ސަރަޙައްދުގެ ފިނިހޫނުމިން ތިން ޑިގްރީ ސެލެސިއެސްއަށް ދަށްވެފައިވާ ކަމުގައި ކޯސްޓްގާޑުން އޮފިޝަލުން ވިދާޅުވެއެވެ. އަދި، ބޯޓު ފެތުނު ފަޅުރަށްތައް އޮންނަ ސަރަޙައްދަކީ ފަސޭހައިން ކައިރިވެވޭ ސަރަޙައްދަކަށް ނުވުމުގެ ސަބަބުން، މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ޖަޕާނުގެ އައްސޭރިފަށް ކައިރީގައި 2020 ވަނަ އަހަރު ވެސް މި ފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އެ އަހަރު ފެތުނު އާގުބޯޓުގައި 43 ފަޅުވެރިން ތިއްބެވެ. އޭގެ ތެރެއިން ސަލާމަތް ކުރެވިފައި ވަނީ އެންމެ ދެ މީހުންނެވެ. އެ އާގުބޯޓު ފެތިފައި ވަނީ، ބާރުގަދަ ތޫފާނެއްގެ ޖެހި، ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުންނެވެ.