އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ އެއްވެސް ޝަކުވާއެއް ލިބުފައިނުވާތީ، ދާއިމީ ނަތީޖާ އިޢުލާނުކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ކަންކަން ބެލެހެއްޓި ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަޙީދު ވިދާޅުވީ، ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ އެއްވެސް ޝަކުވާއެއް ހުށައަޅާފައި ނެތްކަމަށާއި، ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާގެ އެއްވެސް ތަފާތެއް ނެތްކަމަށެވެ.
އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އަންނަ ކަހަލަ ޝަކުވާއެއް އޮތްކަމަކަށް ޝަކުވާ ކޮމިޓީއަކުން ވިދާޅެއްނުވޭ. އިންތިހާބު ދިޔައީ ވަރަށް އަމާން ކަމާއެކު." އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދެން މި ޕްރައިމަރީގައި ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 24572 ވޯތެވެ. އެއީ %61އެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ. ރައީސް ނަޝީދު ވަނީ މި ނަތީޖާ ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވެފައެވެ.
ވާދަވެރި އެ އިންތިޚާބަށްފަހު އެމްޑީޕީން މިހާރު އަންނަނީ ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ މެދުތެރޭގައި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް ރަސްމީކޮށް އެރުވުން އޮންނާނެކަމަށް އެމްޑީޕީން ބުންޏެވެ.
ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް ނަޝީދު އަންނަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް ހެދުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް މިއަދު ޕްރެސް ކޮންފަރެންސްގައި އިބްރާހީމް ވަޙީދު ވިދާޅުވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ބަދަލުނުކުރެވޭނެ ކަމަށެވެ. އަދި ގޮފި ހެދުމަކީ ރިޔާސީ ކެނޑިޑޭޓާއި ދެކޮޅުވުމެއް ނޫންކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.