އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދާ ޓީސީ ސްޕޯޓްސް ކްލަބުން ސެމީފައިނަލްގެ ޖާގައެއް ޔަގީންކޮށްފައެވެ.
ޓީސީ ސްޕޯޓްސް ކްލަބުން މިމެޗު ކާމިޔާބުކުރީ ފަހަތުން އަރާ 3-1 އަކުންނެވެ.
މެޗު ފަށައިގެން ދެޓީމުން ކުރެ އެއް ޓީމަކަށްވެސް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. 2 ޓީމުގެ ފަރާތުންވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފް ގޯލެއް ނުޖެހި ނިމެންދަނިކޮށް މެޗުގެ ފުރަތަމަ ލަނޑު ވިކްޓްރީ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ.
މި ލަނޑަކީ ވިކްޓްރީގެ ބިދޭސީ ޑިފެންޑަރު އަޒަމޯވް ފަހަތުން ކުރިއަށް ފޮނުވާލި ބޮޑު ބޯޅައެއް ޓީސީގެ ޕެނަލްޓީ އޭރިއާ ރޮނގުމަތީގައި ހުރި ޑިފެންޑަރ ވާހިދު ބޮލުން ޖައްސާލި ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓެން ދިޔަ ވަގުތު އަހުމަދު ރިޒްވާން އެއްފަހަރުން ތިރިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ފެނިގެންދިޔައީ ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް ތަނަވަސް ކުރި ތަނެވެ. މިގޮތުން ދެވަނަ ހާފްގެ ކުރީކޮޅު ޓީސީ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. މިލަނޑަކީ ޓީސީގެ ބިދޭސީ ކުޅުންތެރިއާ ޖިމޯ ބޯޅައާއެކު ކުރިއަށްގޮސް ތިރި ތިރިން ގޯލުކުރިމައްޗަށް ނަގައިދިން ހުރަސް ހުއްޓުވަން އުޅުމުގެ ތެރޭގައި ވިކްޓްރީ ޑިފެންޑަރ އަލީ ޝާމިސް ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
ޓީސީގެ މި ލަނޑަށްފަހު ވިކްޓްރީގެ ފޯވާޑް މިލޯސްއަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންގޮސްފައެވެ. ފުރަތަމަ ހަމަލާގައި ބޯޅައާއެކު އޭރިއާތެރެއަށް ވަދެ ތިރި ތިރިން ފޮނުވާލި ބޯޅައަށް ހުރަސްއެޅީ ޓީސީގެ ކީޕަރު ޑެނިއެލްއެވެ. ދެވަނަ ފުރުސަތަކީ އަހުމަދު ހަސަން އަރިމަތިން ނަގައިދިން ހުރަސް ބޮލުން ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލަން ލިބުނު ފުރުސަތެކެވެ. އެހެންނަމަވެސް މިލޯސް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގައި ޓީސީއިން ލީޑު ނެގީ ފުރިހަމަ ވަގުތު ހަމަވާން 2 މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އައިހަމް ހަމްދޫން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އަރިމަތިން ވާހިދު ބޯޅައާއެކު ކުރިއަށްގޮސް މަތިން ނަގައިދިން ހުރަސް ފާޕޯސްޓުން އަރާ އައިހަމް އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޓީސީގެ 3 ވަނަ ލަނޑު މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީވެސް ބަދަލަށް ކުޅެންނިކުތް ކުޅުންތެރިއެކެވެ. މި ލަނޑު ޖިމޯ ޖައްސާލި ބޯޅައަކުން އޭރިއާ ތެރޭގައި ހުރެފައި ކާމިޔާބުކޮށްދިނީ މުހައްމަދު ދާނިޝް އިބްރާހިމްއެވެ.
ޓީސީ މުބާރާތުގެ ސެމީފައިނަލްގައި ބައްދަލުކުރަން ޖެހޭނީ މިރޭ ކުޅޭ ކުއާޓަރ ފައިނަލްގެ ފަހު މެޗުން މޮޅުވާ ޓީމަކާއެވެ. ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި މިރޭ ބުރު ސްޕޯޓްސް ކްލަބް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެކޮޅަށެވެ.